ހިތި ފަތަކީ ރާއްޖޭގެ އެކި ހިސާބުތަކުން ފަސޭހައިން ލިބޭ އެއްޗެކެވެ. ނަމާ އެއްގޮތަށް މިއީ ހިތި ރަހައެއް ދޭ ކާން އެންމެ މީރު އެއްޗަކަށް ނުވެދާނެ އެވެ. ނަމަވެސް ރަހައާއެކު ވެސް އެ ބޭނުންކޮށްފި ނަމަ ގިނަ ފައިދާތަކެއް ލިބޭނެ އެވެ.

ދަތްތައް ހުދު ކޮށްދޭ

ހިތިފަތަކީ ގިނަ ދަތް އުނގުޅާ ބޭހުގައިވެސް އެކުލެވިގެންވާ ފަތެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގެ މީހުން ދަތް އުނގުޅުމަށް ހިތިފަސް ގަހުގެ އޮފިކޮޅުވެސް ބޭނުން ކުރެ އެވެ. މީގެ މައިގަނޑު ސަބަބަކީ ހިތިގަހުގެ އެންޓިބެކްޓީރިއަލް، އެންޓިފްލެމަޓޯރީ އަދި އެންޓިފަންގަލް ޕްރޮޕަޓީ ތަކެވެ. މި ކަންކަން އެކުލެވޭ މާއްދާތަކުގެ ސަބަބުން ދަތްތަކަށް ދިމާވާ ގިނަ ވައްތަރުގެ މައްސަލަތަކުން ދުރުކޮށްދީ، ދަތްތަކުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ

ހިތިފަތުން އިސްތަށިގަނޑު ވަރުގަދަ ކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑު ދިގު ވުމަށް ވެސް އެހީވެދެ އެވެ. ފުނޑާފައިވާ ހިތިފަތުގެ ދިޔަ އިސްތަށިގަނޑުގައި ކޮންޑިޝަނަރެއްގެ ގޮތުގައިވެސް ހާކައި އުޅެ އެވެ. އޭގައިވާ ޖަރާސީމުތައް ނައްތައިލާ ބާރުގެ ސަބަބުން ބޮލުގައި ހަންފޮޅުމުން ދުރުކޮށް ދިނުމުގެ އިތުރުން އިސްތަށިތަކުގެ ބުޑުތައް ވަރުގަދަ ކުރުވަ އެވެ.

ފާރުތައް ފަސޭހަ ކޮށްދޭ

ހިތިފަތަކީ ގައިގައި ކެނޑިގެން ނުވަތަ ހަލާކުވެގެން ޖަހާ ފާރުތައް ލަކުނު ލިޔަ ނުދީ ފަސޭހަކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން މިފަދަ ޒަހަމް ތަކުގައި އުފެދޭ އިންފެކްޝަން ތަކުންވެސް ދުރުކޮށްދެ އެވެ.

މޫނުގެ ހަންގަނޑު އޮމާން ކޮށްދޭ

މޫނުގައިވާ ބިހިތަކާއި، މޫނު ރަތްވުމާއި މި ނޫންވެސް ކަންކަމުން ސަލާމަތް ވުމަށް ހިތިފަތުގައިވާ އެންޓި އިންފްލިމޭޓަރީ މާއްދާތައް އެހީވެދެ އެވެ. މީގެ އިތުރުން ހިތިފަތުގެ ދިޔަ މޫނުގައި އުނގުޅުމުން ހަންގަނޑުގައިވާ ކުރަކި ކަމާއި، ހިރުވުމުން ދުރުކޮށްދެ އެވެ. ހިތިފަތަކީ މޫނު އޮމާންކޮށްދީ މޫނަށް ގުދުރަތީ އަލިކަމެއް ގެނެސްދޭ އެއްޗެކެވެ.