ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ފެށި އެ ޕާޓީގެ ކޮންގްރެސްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

މި ކޮންގްރެސްގައި ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން އެ ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ދައުވަތު ގަބޫލުކުރައްވައި ކޮންގްރެސްގައި ބައިވެރިވި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް އެ ޕާޓީގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އެކި ސަބަބުތަކާ ހުރެ ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވަޑައިނުގެންނެވުނު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ކޮންގްރެސްގައި ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ މުހިންމު ބަދަލުތައް ވަނީ ފާސްކޮށްފަ އެވެ. އެ ބަދަލުތަކުގެ ތެރޭގައި ދީނީ އިލްމުވެރިންގެ މަޖިލީހާއި، އަންހެނުންގެ ހަރަކާތާއި، ޒުވާނުންގެ ހަރަކާތް އަދި އިސްރަށްވެހިންގެ ހަރަކާތް ފަދަ އާ ގުނަވަންތައް އުފެއްދުން ހިމެނެ އެވެ.

އޭގެ އިތުރުން ގައުމީ މުހިންމު ކަންކަމުގައި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމަށް ލަފާދޭ ޖުމްލަ 16 ކޮމިޓީއެއް އުފެއްދުމަށް ވެސް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. އެ ކޮމިޓީތަކުން ޕާޓީގެ ރައީސަށާއި ލީޑާޝިޕަށް އަދި މެންބަރުންނަށް ބޭނުންވާ ލަފާ ފޯރުކޮށްދޭނެ އެވެ.

ޕީއެންސީން ހާމަކުރި ގޮތުގައި މި އިސްލާހުތައް ގެނައީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީ އެކަމަށް ރިއާޔަތްކުރުމުގެ ގޮތުންނެވެ. މީގެ މަގުސަދަކީ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ހަރަކާތްތައް ހިންގައި، މެންބަރުންގެ ޝާމިލުވުން އިތުރުކުރުމެވެ.

މި ބަދަލުތަކުގެ ސަބަބުން ލީޑާޝިޕްގައި ހިމެނޭ މެންބަރުންގެ އަދަދު އިތުރުވެ، މިންތީގެ ޝާމިލުކަން ފުޅާވެގެންދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ފާސްކުރި ފަހުން، މިހާތަނަށް ޖުމްލަ ހަތް އިސްލާހެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ތަފާތު ތާރީޚުތަކުގައި ގެނެވުނު އިސްލާހުތައް ހިމެނެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންގްރެސްގައި ޕާޓީގެ މުހިންމު މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ވެސް ކުރިއަށްދާނެ އެވެ. މިގޮތުން ޖުމްލަ 12 މަގާމަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮންގްރެސް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒެވެ. ކޮންގްރެސް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާޓީގެ މެންބަރުން މަސައްކަތްކުރަންޖެހޭނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

ކޮންގްރެސްގައި ޕީއެންސީއަށް ހަ ނައިބު ރައީސުން އިންތިޚާބުކުރާއިރު، އެ މަގާމުތަކަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ.