މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން މަދުން ނޫނީ ނުފެންނަ ނާރުގެ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް"އާ ދެކޮޅަށް ކުރި ކާމިޔާބު ހަނގުރާމައަށްފަހު ދިން ފުރަތަމަ ލައިވް ކޮންސެޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މިއީ މިއަހަރުގެ ތެރޭގައި އޭނާ އެނބުރި ސްޓޭޖަށް އައުމުގެ ގޮތުން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ފުރަތަމަ ޝޯކަން ފާހަގަ ކޮށްލެވެ އެވެ.

ފްރާންސްގެ ޕެރިސް ކައިރީގައި އޮންނަ ނަންޓޭރްގެ "ޕްލެނިޓިއުޑް އެރީނާ"ގައި ބޭއްވި މި ކޮންސެޓުގައި، އުމުރުން 58 އަހަރުގެ ސެލީން ޑިއޯން ވަނީ ދެ ގަޑިއާއި 15 މިނެޓުގެ ތެރޭގައި ޖުމްލަ 25 ލަވަ ހުށަހަޅައިދީފަ އެވެ. މި ކޮންސެޓް ބަލާލުމަށް 30،000 އަށްވުރެ ގިނަ މީހުން އެރީނާއަށް ޖަމާވި އެވެ.

2022 ވަނަ އަހަރު ސްޓިފް ޕާސަންސް ސިންޑްރޯމް ޖެހުނުކަން އިއުލާނު ކުރުމަށްފަހު އޭނާގެ ވޯލްޑް ޓުއާ ކެންސަލްކޮށް އާއްމުންގެ ލޯތަކުން ދުރުވާން މަޖުބޫރުވި އެވެ.

މި ބައްޔަކީ ހަށިގަނޑުގެ މަސްތައް ހަރުވުމާއެކު ވާންވެ ބައެއްފަހަރު ކަށިތައް ބިންދައިގެންދާ ބައްޔެކެވެ. ލަވަކިޔުމަކީ ކަރުގެ މަސްތައް ބޭނުން ކުރަންޖެހޭ ކަމަކަށްވާތީ، އޭރު ލަވަކިޔާއިރު މީހަކު ކަރުގައި ހިފާ ނޭވާ ހާސްކުރުވާ ފަދަ އިހުސާސެއް ކުރެވޭ ކަމަށް ސެލީން ބުނެފައިވެ އެވެ.

ނަމަވެސް، ފާއިތުވެދިޔަ ޖުލައި މަހު ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އީފެލް ޓަވަރުން އެންމެ ލަވައެއް ހުށަހަޅައިދީ ދުނިޔެ ހައިރާން ކޮށްލުމަށްފަހު، މިހާރު ސެލީން މިވަނީ ދެ ގަޑިއިރަށްވުރެ ދިގު ކޮންސެޓެއް ފުރިހަމަ ކޮށްފަ އެވެ.

ކޮންސެޓުގެ އެންމެ ފަހު ލަވަ، "އޯލް ބައި މައިސެލްފް" ލަވަ ހުށަހަޅައިދިން ވަގުތު، އެތަނަށް އެއްވެ ތިބި އެންމެން ދިޔައީ އޭނާއަށް ތަޢުރީފުކޮށް އަޑުގަދަކޮށް ހަޅޭއްލަވަމުންނެވެ.

"އަހަރެން މިހާރު ދަސްކޮށްފިން މި ބަލިކަށިކަމާއެކު ދިރިއުޅެން، އަދި އެއީ ކުރިއަށް ދާން ލިބުނު ސަބަބަކަށް ހަދައިފިން." ހުށައެޅުމުގެ ތެރެއިން ސެލީން ބުންޏެވެ.

މި ކޮންސެޓް ބެލުމަށް އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާވެސް ބައިވެރިވެ ވަޑައިގަތެވެ. ސެލީންގެ މި ކާމިޔާބު އެނބުރި އައުމަކީ މިފަދަ ބަލިތަކާ ހަނގުރާމަކުރާ އެތައް މިލިއަން ބަޔަކަށް ލިބުނު ބޮޑު ހިތްވަރެކެވެ.