ފަހަކަށް އައިސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އާލިއާ ބާޓް ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި އާލިއާ ހޯދާފައިވާއިރު، އޭނާ ވަނީ "ދާދާ ސާހެބް ޕަލްކޭ ފިލްމު ފެސްޓިވަލް"ގައި އެންމެ މޮޅު ބަތަލާގެ ރޯލުން އެވޯޑު ހާސިލްކޮށްފަ އެވެ. އޭނާއަށް އެ އެވޯޑު ލިބުނީ، ފިލްމު "ގަންގޫބާއީ"ގައި އޭނާ އަދާކޮށްދިން ރޯލުގެ ސަބަބުންނެވެ.

އޭނާއަށް އެ އެވޯޑު ލިބުމާއެކު އާލިއާ ވަނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރޭކާއާ އެކު ފޮޓޯނަގައި އާންމުންނަށް ފޮޓޯ ހިއްސާކޮށްފަ އެވެ.

އާލިއާއަކީ ބޮލީވުޑްގައި ވިދަމުން އަންނަ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ޑާލިންްސް" ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބަކަށް ވެފަ އެވެ.

އާލިއާގެ ފިލްމީ ކެރިއަރު އޭނާ ފެށީ 2012 ވަނަ އަހަރު ނެރުނު ކަރަން ޖޯހަރްގެ ފިލްމެއް ކަމަށްވާ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެ ފިލްމަކީ ވެސް ކާމިޔާބު ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.