ބެލަރުސް (21 ފެބްރުއަރީ) - ބެލަރުސްގެ އާއްމު ރައްޔިތުންނަށް ބަރު ހަތިޔާރު ގެންގުޅެން ދަސްކޮށްދީ ވޮލަންޓިއަރުންގެ އަސްކަރިއްޔާއެއް އުފައްދަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް އެލެކްސެންޑާ ލުކަޝެންކޯ ވިދާޅުވެއްޖެ އެވެ.

ބެލަރުސްގެ ސެކިއުރިޓީ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ލުކަޝެންކޯ ވިދާޅުވީ މި ނިންމުމުގެ ބޭނުމަކީ ކުއްލި ހާލަތެއްގައި ބަރު ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ތަމްރީން އާއްމު ރައްޔިތުންނަށް ދިނުން ކަމަށެވެ.

"މި ހާލަތުގައި ހަމަ ކޮންމެ މީހަކަށް ވެސް ބަރު ހަތިޔާރު ގެންގުޅެން އެނގިފައި އޮތުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް،" ލުކަޝެންކޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭނުން ޖެހިއްޖެ ހާލަތެއްގައި އަމިއްލަ އާއިލާއާއި މުދާ އަދި ގައުމު ރައްކާތެރި ކުރުމުގެ ގާބިލްކަން ހަމަ ކޮންމެ ރައްޔިތެއްގެ ގައިގައި ވެސް ހުންނަން ޖެހޭނެ ކަމަށެވެ.

މި ގޮތުގެ މަތިން ގައުމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި ރައްދު ޖަވާބު ދިނުން އަވަސް ވާނެ ކަމަށާއި އެކަަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ވެސް ތައްޔާރަށް ހުންނާނެ ކަމަށް ލުކަޝެންކޯ ވިދާޅުވެފައިވެ އެވެ.

އާއްމު ރައްޔިތުން ހިމަނައިގެން އުފައްދާ އަސްކަރިއްޔާގައި ގާތްގަނޑަކަށް 100،000 އާއި 150،000 އާ ދެމެދުގެ އަދަދަކަށް ވޮލަންޓިއަރުން ހަރަކާތްތެރިވާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެގައުމުގެ ރަސްމީ އަސްކަރިއްޔާގައި މިވަގުތު 48،000 ސިފައިން ތިބެ އެވެ.

ލުކަޝެންކޯ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ހިނގާ ހަނގުރާމައަށް އަހަރެއް ފުރެން ގާތްވެފައި ވަނިކޮށެވެ. ބެލަރުސްއަކީ ހަނގުރާމައިގައި ރަޝިއާއަށް ވާގިވެރިވާ ހަމައެކަނި ގައުމެވެ. -- އަލް އަރަބިއްޔާ