ރާއްޖެއިން މިއަހަރު ހައްޖަށް ގެންދަން 1000 ކޯޓާ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ ރަސްމީ 1،000 ހައްޖު ކޯޓާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އަންނަނީ 1000 ކޯޓާ އެވެ. އަދި ބައެއް ފަހަރު އެ 1000 ކޯޓާގެ އިތުރަށް ވެސް ކޯޓާ ދީފައިވެ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ސައުދީން އެޅި ފިޔަވަޅުތަކާއެކު މިދިޔަ އަހަރު ހައްޖުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. މި ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ހައްޖުގައި ފުރުސަތުދޭނެކަން ސައުދީ ސަރުކާރުން ބުނެފައިވެ އެވެ. ކޮވިޑާ ގުޅިގެން ހައްޖަށް މީހުން ގެންދަމުން އައި އަދަދުތަކަށް ބަދަލު ގެނައުމަށްފަހު މިއީ އަލުންް އެއްކޮށްް ހުޅުވާލާ ފުރަތަމަ ފަހަރެވެ.