މޮސްކޯ (27 ޑިސެމްބަރު) - ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވެކްސިން ޖައްސަވާނެ ކަމަށް ސަރުކާރުގެ ސްޕޯކްސް ޕާސަން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ސްޕޯކްސް ޕާސަން ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި ރަޝިޔާގެ ރައީސް ވެކްސިން ޖައްސަވަން ބޭނުންވާ ވާހަކަ ވިދާޅުވި ކަމަށާއި، އަދި މިހާރު ހުންނެވީ މިކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ބައެއްކަންކަން ފުރިވަންދެން ކަމަށް އެގައުމުގެ ސްޓޭޓް ޓީވީ ރޮސިއްޔާ 1 އިން ހާމަކޮށްފައިވެ އެވެ.
ރަޝިޔާއިން ވަނީ އެ ގައުމުން އުފެއްދި ސްޕްޓްނިކް ވީ ވެކްސިން ބޭނުންކުރުމުގެ ހުއްދި ދިނުމާއެކު ބޭނުން މީހަކަ ވެކްސިން ޖެހުމަށް ހުޅުވާލާފަ އެވެ. އަދި މި ވެކްސިން ޕްރޮގްރާމް ވަނީ ޑިސެމްބަރު މަހުގެ ކުރީ ކޮޅުގައި ފައްޓާފަ އެވެ. މޮސްކޯގެ މޭޔަރު ސެރްގޭ ސޮބްޔާނިން ވަނީ 60 އަހަރުން މަތީ މީހުން ވެސްވެކްސިން ޖެހުމަށް ނަންނޯޓް ކުރުން ހުޅުވާލެވިފައިވާ ކަން އިއުލާން ކުރައްވާފަ އެވެ. މިއީ މި ވެކްސިން މި އުމުރު ފުރައިގެ މީހުން ބޭނުންކުރަން ރަނގަޅުތޯ ބެލުމަށް ތަހުލީލުތަކެއް ކޮށް އެކަމަށް ހެލްތް މިނިސްޓްރީން ހުއްދަ ލިބުމުންނެވެ.
ރަޝިޔާގެ ޕުޓިން ވަނީ ވެކްސިން ބޭނުން ކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި އަދި ވެކްސިން ވަރަށް ރައްކާތެރިކަމަށް ވިދާޅުވެފަ އެވެ.