ތިންހާހުގެ ވާހަކަ ފެށުމުގެ ކުރިން ސިޔާސީ ޕާޓީއަކަށް ވަދެވުނު ގޮތް ކިޔައިދޭން އެބަ ޖެހެ އެވެ. ރާއްޖޭގައި ޕާޓީތައް އުފެދުނުތާ ކިތައްމެ ދުވަހެއްވީ ކަމަށް ވިޔަސް އަދި މިހާތަނަށް ވެސް ޕާޓީއަށް ވަނުމަށް ފުރަން ޖެހޭ ފޯމެއް ހަމަ ލޮލުން ފެނިފައި ނުވާތީ އެ ބާވަތުގެ ފޯމެއް ފުރައި ސޮއިކުރެވިފައެއް ނެތެވެ. އެހެންކަމުން އެއްވެސް ޕާޓީއެއްގެ ރެޖިސްޓްރީގައި ނޯންނާނެކަމުގެ ޔަގީންކަން އޮވެ އެވެ. އެ ޔަގީންކަމަށް ބުރޫއެރީ ރައްޓެހި ބަޔަކާއެކު މާލޭގެ ކޮފީޝޮޕެއްގައި ތިބެ ދެކެވުނު ވާހަކައެއްގެ ތެރެއިން ހިނަގއި ދިޔަ ހާދިސާއަކުންނެވެ.

ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީ ބަލަން މެސެޖުކުރަން އޮންނަ ނަމްބަރަކަށް މެސެޖު ކޮށްލުމުން އައި ޖަވާބުންނެވެ. ޖަވާބުގައި އޮތީ ތިޔައީ ޖުމުހޫރީ ޕާޓިގެ މެންބަރެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބައި ބޮޑު ޕާޓީއޭ ޖުމްހޫރީ ޕާޓީން ބުނެ ފަޚުރުވެރިވާއިރު އެ ގުނަނީ އަޅުގަނޑުގެ ނަން ވެސް ހިމަނައިގެންނެވެ. އެކަމަކު އެއީ ވެސް މިހާރު ޔަގީންކަމެއް ނޫނެވެ. އޭރު ޖުމުހޫރީ ޕާޓީގައި އޮތް ނަން މިހާރު އެހެން ޕާޓީއަކަށް ބަދަލު ނުވާކަން ވެސް ނޭނގެ އެވެ.

ޕާޓީތަކަށް ނޭނގި ޕާޓީތަކުން މީހުން އުނި އިތުރުވުމުގެ ހިތި ހަގީގަތް ލޯމަތިން ފެންނަމުން ދާތީ އެވެ. ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ އެމްއާރުއެމަށް މިއަދު މިވަނީ އެފަދަ ހާލަތަކާ ދިމާވެފަ އެވެ. އިހަކަށް ދުވަހު ހަމަކުރި 3،000 މީހުން، ވީ ނުވީއެއް ނޭނގި މަދުވުމުގެ ސަބަބުން، އުވާލަންޖެހޭ ހިސާބަށް އެ ޕާޓީގެ ހާލަތު ދިޔައީ އެވެ. ސުވާލަކީ ޕާޓީތަކުގެ މެންބަރުންގެ އަދަދު މިހާ މުހިންމު ވެގެން މިއުޅެނީ ކީއްވެ ބާވަ އެވެ.

ޕާޓީތަކަށް މެންބަރުން އިތުރުކުރަން ޖެހޭ މައިގަނޑު ސަބަބު ގުޅިފައި ވަނީ ސާރުކާރުގެ ބަޖެޓުގެ ވަކި ޕަސެންޓެއް ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ވެސް ދިނުން ލާޒިމުވުމާ އެވެ. މި ފައިސާ ޕާޓީތަކަށް ބެހުމަށްޓަކައި ހެދިފައިވާ ގަވައިދުތަކުގެ ސަބަބުން ކޮންމެ ޕާޓީއަކަށް ވެސް ޖެހިފައި އޮންނަނީ ވީހާ ވެސް ގިނަ ބައެއްގެ ނަން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފުތަރުގައި އެ ޕާޓީއެއްގެ ނަމުގައި ރެޖިސްޓްރީ ވޭތޯ ބަލާށެވެ. ލިބެން ޖެހޭ ފައިސާގެ މިންވަރު އެކަމާ ގުޅޭތީ އެވެ. އިންތިޚާބުތަކުގައި ވާދަކޮށް ގޮނޑިއެއް ނުލިބުނު ކަމަށްވިޔަސް އިލެކްޝަންސް ކޮމިޝަންގައި 10،000 މީހުން ރަޖިސްޓްރީ ކުރެވިއްޖެ ނަމަ ކޮންމެ ޕާޓީއަކަށް ވެސް ބަޖެޓުން ފައިސާ ލިބެ އެވެ.

ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ބައެއް ސިޔާސީ ޕާޓީތަކަކީ އެއްވެސް އިންތިޚާބެއްގައި ވާދަކުރުމެއް ވެސް ނެތި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެ ޕާޓީގެ ބޮޑުންނަށް ވަޒީފާލިބުމުގެ އިތުރުން ޕާޓީ ހިންގަން ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ހޯދާ ޕާޓީތަކެކެވެ. މިފަދަ ޕާޓީތަކުގެ ސަބަބުން ޑިމޮކްރަސީގެ ހަގީގީ ތަސައްވުރު ދިވެހި ސިޔާސީ އުދަރެހުން ފެންނަންވާ މިންވަރަށް ފެނުމަށް ހުރަސް އެޅެ އެވެ. ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ރައްޔިތުންގެ ސަޕޯޓު ހޯދައިގެން ސަރުކާރު ހިންގުމުގައި ސީދާ ނުވަތަ އިދިކޮޅު ރޯލެއްކުޅުން ކަމަށްވާއިރު، އިންތިޚާބަކަށް ކުރިމަތިނުލާ ޕާޓީއަކަށް ރައްޔިތުންގެ ހަގީގީ ތާއީދު އޮތް މިންވަރެއް ނުވެސް އެނގޭނެ އެވެ. އެހެންކަމުން ވަގު ފޯމު ހުށަހަޅައިގެންނާއި ފައިސާ ދީފައި ގަންނަ ސޮއިގެ ޒަރީއާއިން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފުތަރު ބޮޑުވާ ބޮޑުވުމަށް ސަރުކާރުގެ ބަޖެޓުން ފައިސާ ޚަރަދު ކޮށްގެން ނުވާނެ އެވެ.

ސަރުކާރުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާ ބަހާނެ ގޮތަކާމެދު ދޭތެރެ ދޭތެރެއިން ބަހުސްކުރެވެ އެވެ. ސިޔާސީ ހަރަކާތްތައް ނުހިންގާ ޕާޓީތަކަށް ފައިސާ ނުދިނުމަށް ވަކާލާތުކުރެވޭ އަޑުވެސް ބައެއް ފަހަރު އިވެ އެވެ. އެއަޑު ދޭތެރެ ދޭތެރެއިން ގަދަވެ، މަޑުވީކަމަށް ވިޔަސް އެއްވެސް ކަހަލަ ހައްލަކާ ދިމާލަށް ދާ ތަނެއް ނުފެނެ އެވެ.

ސަރުކާރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ހޭދަކުރުމަކީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ކުރާ ކަމެކެވެ. ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި އެގޮތަށް ދޭ ފައިސާ ދިނުމުގައި ބަލަނީ އިންތިޚާބުތަކުން ޕާޓީތަކަށް ލިބޭ ވޯޓުގެ ޕަސެންޓަށެވެ. ސިޔާސީ ޕާޓީތަކަކީ ސިޔާސީ ހަރަކާތްތައް ހިންގުމަށް އުފެދޭ އެއްޗަކަށް ވާއިރު އެއްވެސް އިންތިޚާބެއްގައި ވާދަނުކޮށް ހަމަ އެކަނި އަނގައިން ސިޔާސީ ހަރަކާތް ހިންގުމަކީ ވާނެކަމެއް ކަމަށް ނުބެލެވޭތީ އެވެ.

ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ބަޖެޓުން ދޭ ފައިސާ ބެހުމުގައި އިންތިޚާބުތަކުން ޕާޓީތަކަށް ވޯޓު ލިބޭ ޕަސެންޓަށް ބަލައިގެން ފައިސާ ދޭ ގޮތަށް ހަމަޖެހިއްޖެނަމަ ފައިސާއަށް ސޮއިކުރުވުމާއި ވަގު ފޯމު ހުށަހަޅައިގެން ޕާޓީއަށް މީހުން ވެއްދުމުގެ މައްސަލަ ނިމުމަކަށް އަންނާނެ އެވެ. އެއާއެކު ސިޔާސީ ޕާޓީތަކުން ސަރުކާރުގެ ވަލު ދޮރާށިން ވަދެ، ފައިދާ ހޯދަން އުޅުމުގެ ބަދަލުގައި ހަގީގީ ސިޔާސީ މަސައްކަތް ކުރާތަން ފެންނަން ފަށާނެ އެވެ.