ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން އަންނަ އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރި ޓްވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އޭޕްރީލް 15 ވަނަ ދުވަހު ވޯޓުލުން ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އިންތިޚާބަށް އިއުލާން ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މިދިޔަ ހަފުތާގައި އަވަހާރަވުމާ ގުޅިގެންނެވެ.
ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިމަހުގެ 23 ވަނަ ދުވަހު އެވެ. ރިޒާ ގެންދެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.
މެންބަރަކަށް ވަޑައިގަތުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވި ރިޒާ ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.