ޗުއްޓީއަކަށް ގޮސްގެން ފައިސާ ހޯދަން ބޭނުން ހެއްޔެވެ؟ ނުވަތަ ޗުއްޓީއަށް ހޭދަކުރާ ފައިސާގެ ބައެއް ނަމަވެސް އަނބުރާ ހޯދަން ބޭނުން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިބާއަށް އޮތް މަންޒިލަކީ ޓައިވާން އެވެ.

ޓައިވާނުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން ހިންގާ ކެމްޕެއިނެއްގެ ދަށުން އެގައުމަށް ޒިއާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް ފައިސާގެ އިނާމެއް ދޭން އެގައުމުން ވަނީ ނިންމާފަ އެވެ.

އެގޮތުން އެގައުމަށް ޒިއާރަތްކުރާ 500،000 މީހުންނަށް، ކޮންމެ މީހަކަށް 165 އެމެރިކާ ޑޮލަރު ދޭނެ ކަމަށް އެގައުމުގެ ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް ފަތުރުވެރިން ގެނައުމުގައި ހަރަކާތްތެރިވާ 90،000 ޓުއާ ގުރޫޕަކަށް 658 އެމެރިކާ ޑޮލަރުގެ މަގުން ދޭނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނީ މި ފައިސާ ފަތުރުވެރިންނަށް ދެވޭނީ އީ ކޮމާސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިސްކައުންޓްތަކާއި ވައުޗާތަކުގެ ގޮތުގައި ކަމަށެވެ.

2023 ވަނަ އަހަރު ހަ މިލިއަން ފަތުރުވެރިން ޓައިވާނަށް ގެންނަން އަމާޒު ހިފާފައިވާއިރު އެ އަދަދު 10 މިލިއަނަށް އިތުރު ކުރަން އެގައުމުގެ ޓޫރިޒަމް މާސްޓާ ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.

ޓައިވާނަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ވިއެޓްނާމްގެ އިތުރުން ޖަޕާނާއި ދެކުނު ކޮރެއާ ހިމެނެ އެވެ.

އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފަތުރުވެރިންނަށް ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު ޓައިވާން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެގައުމަކީ ދުނިޔޭގައި ވެސް ކޮވިޑް 19އާ ގުޅިގެން އެންމެ ގިނަ ދުވަސް ވަންދެން ބޯޑަރު ބަންދުކޮށްފައި އޮތް ގައުމެވެ.