ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ތައުޒިއާގެ ދަފްތަރެއް ހުޅުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެމްބަރު ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ދަފްތަރު ހުޅުވާލާފައިވާއިރު، ކުރިއަށް އޮތް ތިން ދުވަހު ރިޒާއަށް ތައުޒިޔާ ފޮނުވުން ކުރިއަށްދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. މި ދަފްތަރުގައި މަޖިލިސް މެމްބަރުންގެ އިތުރުން އާންމުންނަށް ވެސް ސޮއިކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ، މެމްބަރު ރިޒާއަކީ މަޖިލީހުގެ ތިންވަނަ ދައުރެއް އަދާކުރައްވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މަޖިލީހަށް މުހިންމު ހިދުމަތްތައް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި މެމްބަރު ރިޒާގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްދީފަ އެވެ.

މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްްވި ރިޒާ އަވަހާރަވީ މެލޭޝިޔާގައި ހުންނަވަނިކޮށެވެ.

ރާއްޖޭގައި އޭނާގެ މައްޗައް ޣައިބަށް ކަށުނަމާދުކޮށްފައިވާއިރު، ރިޒާގެ ޖަނާޒާގައި ބައިވެރިވުމަށް އިދިކޮޅުގެ ޕާޓީގެ އިސްބޭފުޅުން ވެސް މެލޭޝިއާއަށް ވަޑައިގެންނެވި އެވެ.