ސުޝްމިތާ ސެން އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ތަރިއެކެވެ. ހަމައެހެންމެ އޭނާއަށް އާންމުންގެ ލޯބި އެންމެ ބޮޑަށް ލިބިފައި ވަނީ އޭނާގެ ހިތްތިރި މިޒާޖުންނެވެ.

މިސް ޔުނިވާސް ހާސިލްކުރުމުގެ އިތުރުން، އައު ކަންކަމާ ކެރިގެން ކުރިމަތިލާން ތައްޔާރަށް ހުންނަ ޝަހްސިއްޔަތެއްގެ ގޮތުގައި ވެސް ސުޝްމިތާ ފާހަގަކޮށްލެވެ އެވެ. ނަމަވެސް އައު ކަންކަމަށް ކުރިމަތިލުމުގައި އެތައް ގޮންޖެހުންތަކެއް ހުންނަކަން ސުޝްމިތާ ވަނީ އިންޓަވިއުއެއްގައި އާންމުންނަށް ކިޔައިދީފަ އެވެ.

އެގޮތުން "އައިޓެމް ސޯންގް" ގައި ބަތަލާ ނެށުމަކީ ފިލްމު އިންޑަސްޓްރީގައި މިހާރު އާންމު ކަމަށް ވީ ނަމަވެސް، އެއީ މީގެ އަހަރުތަކެއް ކުރިން ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަދި އެ ރޯލުތަކުގައި އުޅޭ އަންހެން ތަރިން އޮންނަނީ ގޯސްގޮތުގައި ލޭބަލްވެފައި ކަމަށް ސުޝްމިތާ ކިޔައިދިނެވެ.

އެހެން ނަމަވެސް އައިޓަމް ސޯންގު ކުޅުމަށް ޝައުގުވެރިވާތީ ސުޝްމިތާ އެކަމަށް އަބަދުވެސް ތަރުހީބު ދިންކަމަށާއި، ޑައިރެކްޓަރުންނަށް ވެސް އެކަން އެންގި ކަމަށް ސުޝްމިތާ ބުނެފައިވެ އެވެ.

ސުޝްމިތާ ބުނިގޮތުގައި އެކަމުގެ ސަބަބުން ގިނަ ފިލްމުތައް އޭނާގެ އަތުން ބީވެގެންދިޔަ އެވެ. އަދި ފިލްމު ޑައިރެކްޓަރުން ވެސް އޭނާ އަކީ "މޮޔައެއް" ކަމަށް ބުނެ ފިލްމު ކުޅުމުގެ ފުރުސަތު ނުދޭ ކަމަށް ސުޝްމިތާ ބުނެފައިވެ އެވެ.

ސުޝްމިތާ އޭނާގެ ފިލްމީ ކެރިއަރުގައި އައިޓެމް ސޯންގްސް ކުޅެފައިވާއިރު، އެ ލަވަތައް ވަނީ ސުޕަ ހިޓަކަށް ވެފަ އެވެ. ހަމަ އެހެންމެ އެ މަސައްކަތް ކުރެވުނީތީ ފަހުރުވެރިވާ ކަމަށް ސުޝްމިތާ ބުނެފައިވެ އެވެ.