ސަޢުދީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ރަސްމީ ޙައްޖު ކޯޓާ، 2،500 އަށް އިތުރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރަސްމީ 1،000 ކޯޓާ ދޫކުރެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކައްދައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ ރާއްޖެއަށް ސައުދީން ދޭ ރަސްމީ ކޯޓާގެ އަދަދު އިތުރުކޮށްދެއްވުމަށް ރައީސްގެ އިސްނެންގެވުމާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިގޮތުން ކޯޓާގެ އަދަދު 2،500 އަށް އިތުރުކުރުމަށް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ވަރަށް ބޮޑަށް އެބަ މަސައްކަތްޕުޅު ކުރައްވާ ކޯޓާ އިތުރުކުރެއްވުމަށް. ރާއްޖެއަށް ދޭ، ރަސްމީ ކޯޓާ 1000ގެ ބަދަލުގައި ރަސްމީ ކޯޓާ 2،500 އަށް ބަދަލުކޮށްދެއްވުމަށް ރައީސް ވަނީ ސައުދީ ސަރުކާރަށް ދަންނަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް މިއަހަރު ވެސް ސައުދީން 1000 ކޯޓާވަނީ ފޯރުކޮށްދީފަ އެވެ. އަދި އިތުރަށް ކޯޓާ ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޑރ. ޒާހިރު ވިދާޅުވީ މީގެ ކުރީގެ އަހަރުތަކުގައި ވެސް ކޯޓާތައް ޕޯޓަލަށް އަޅާ ނިމުމުން ސައުދީ ސަރުކާރުން އިތުރު ކޯޓާ ދެއްވާ ކަމަށެވެ. އެހެން އަހަރުތަކާ ޚިލާފަށް ރޯދައިގެ ކުރިން މިއަހަރު ކޯޓާތައް ލިބުމުން އިތުރު ކޯޓާ ރޯދައިގެ ތެރޭގައި ނުވަތަ ރޯދަ ނިމޭތާ ކުރީކޮޅު ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ކުޑަ މުއްދަތެއް މި ލިބެނީ. ގްރޫޕްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީގެ އިދާރީ ޓީމާއި، އިވެލުއޭޝަން ކޮމިޓީ އިން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ވަރަށް ކުޑަ މުދައްތެއްގެ ތެރޭގައި ގޮތެއް ނިންމަންޖެހެނީ. މަސައްކަތް މިކުރަނީ ރޯދައިގެ ކުރިން މި މަސައްކަތް ނިންމާލުމަށް،" ޑރ. ޒާހިރު ވިދާޅުވި އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި ރޯދައިގެ ކުރިން އޮންނަ މުއްދަތުގެ ތެރޭގައި އިވެލުއޭޝަންގެ މަސައްކަތް ނިންމުމަށް މިނިސްޓްރީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ޢަމަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޙައްޖަށް މީހުންގެންދާ ގްރޫޕްތަކަށް އިންތިޒާމު ހަމަޖެއްސުމުގައި ފަސޭހަވާނެ ގޮތްތަކަށް ބަލައިގެންކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި ދިނުމަށް ހަމަޖެހިފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އިތުރު ތިން ގްރޫޕަށް ބާކީ ކޯޓާތައް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއިން ކޮންމެ ގްރޫޕަކަށް 90 ކޯޓާ ދިނުމަށް މިނިސްޓްރީ އިން ވަނީ ނިންމާފަ އެވެ.
މި އަދަދަށް ކޯޓާ ގްރޫޕްތަކަށް ހަމަޖެއްސީ ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތުން ކޮންމެ ގްރޫޕަކަށް ވެސް ދެ ބަހުގައި މީހުން ގެންދިޔުމުގައާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި ލުއި ފަސޭހަކޮށްދިނުމަށްކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އިތުރަށް ކޯޓާ ލިބުމުން ވެސް ގްރޫޕްތަކަށް ކޯޓާ ބަހާނީ މި އުސޫލުން ކަމަށް މިނިސްޓްރީން ބުނެ އެވެ.