ކުޑަކުދިންތަަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފިލްމީ ތަރި ފާތިމަތު ރިހުލާ ބަންދުން ދޫކޮށްލައިފި އެވެ.

2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ރިހުލާ އާއި އޭނާގެ ފިރިމީހާ، މުހައްމަދު ޔުނާންގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއްކޮށް، މައްސަލަ ހުށަހަޅާފަ އެވެ.

ރިހުލާއަށް ކޮށްފައިވާ ދައުވާތައް

1. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ.

2. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ.

3. އޮރިޔާންކާޑު ގެންގުޅުމުގެ ދެ ދައުވާ.

ރިހުލާ އާއި ޔުނާން، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އިރު، އެދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުން އަދިވެސް ކުރިއަށް އެބަދެ އެވެ. އަދި މިހާތަނަށް އެމީހުންގެ މައްޗަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ.

އެނގިފައިވާގޮތުގައި ރިހުލާ ބަންދުން ދޫކޮށްލީ، ބަލިވެ އިނުމުގެ ސަބަބުންނެވެ. އަދި ބަންދުން ދޫކޮށްލީ މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، ހެކިބަސްދޭ މީހުންނާއި ބައްދަލު ނުކުރުމަށް ޝަރުތުކޮށްފަ އެވެ.