އަކްޝޭ ކުމާރް އަކީ ބޮލީވުޑްގެ އެންމެ ބުރަބޮޑު ތަރިއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ސެޓްގައި މަސައްކަތް ނުކުރަންޏާ އުޅޭނީ ކޮންމެވެސް ސްކްރިޕްޓެއް ކިޔާށެވެ. މިހާރު އަކްޝޭ ތައްޔާރު ވަނީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމުތަކާ މެދު ގޮތް ނިންމުމަށެވެ.

އަންނަ އަހަރު އަކްޝޭ މުޅިން އެއްކޮށް ބުކްވެފައިވާއިރު ޑިމާންޑް ބޮޑުކަމުން 2021 ވަނަ އަހަރު ފިލްމު ކުޅެދޭ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް "ބޮލީވުޑް ހަންގާމާ" އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ލޮކްޑައުންތެރޭގައި ފާއިތުވެމިދިޔަ މަސްތަކުގެ ތެރޭގައި އަކްޝޭ ވަނީ އޭނާ ފިލްމު ކުޅެދޭ އަގުތައް މަޑުމަޑުން އިތުރުކޮށްފަ އެވެ. އެގޮތުން 99 ކްރޯޑް ރުޕީސް އިން 109 ކްރޯޑް ރުޕީސް އަށް އިތުރު ކުރުމަށްފަހު އެންމެ ފަހުން ސޮއި ކުރި ފިލްމުތަކަށް ވަނީ 117 ކަރޯޑު ހަމަޖައްސާފަ އެވެ.

އަކްޝޭގެ ލޯ ރިސްކުކަމާއި ލޯ ބަޖެޓް ކަމުން އޭނާ އާއި އެކު މަސައްކަތް ކުރަން ގިނަ ޕްރޮޑިއުސަރުން ބޭނުންވެ އެވެ. އަކްޝޭ ދަނީ ޑިމާންޑާ އެއްވަރަށް ފީ ބޮޑުކުރަމުންނެވެ. އެންމެ ފަހުން ގޮސް 2021 ވަނަ އަހަރު އޭނާ ފިލްމު ކުޅެދޭ އަގު މިވަނީ ފިލްމަކަށް 135 ކްރޯޑު ރުޕީސް ކަމަށް ހަމަޖައްސާފަ އެވެ.