ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫމީ މޭ މައްކާރު" ޕްރޮމޯޓް ކުރަން ފިލްމުގެ ބަތަލާ ޝްރައްދާ ކަޕޫރާއެކު މާ ގިނަ ވަގުތު ހޭދަކުރާތީ ރަންބީރުގެ އަންހެނުން އާލިއާ ބަޓް އެކަން މަނާކުރި ކަމަށް ބުނާ ވާހަކަތަކަށް ރަންބީރު ޖަވާބުދީފި އެވެ.

ޝްރައްދާ ކަޕޫރާއެކު ވަގުތު ހޭދަކުރުން އަންހެނުން މަނާ ކުރަނީތޯ ސުވާލު ކުރުމުން ރަންބީރު ވަނީ އޭނާއާ ބެހޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށާއި އެކަމުގެ ތެރެއަށް އާލިއާ ނުވެއްދުމަށް ބުނެފަ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ސަމާސާ ރާގަކަށް ރަންބީރު ބުނީ އާލިއާ އެކަން މަނާ ކުރަންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އޭނާއަކީ ވަފާތެރި ފިރިއެއް ކަމަށެވެ.

ތޫ ޖޫތީ މޭ މައްކާރުގެ ޕްރޮމޯޝަންތައް ކުރިއަށްދާއިރު އަބަދުވެސް ފިލްމުގެ ލީޑު ދެ ތަރިން ފެންނަނީ ވަކިވަކިންނެވެ. ރަންބީރު އާއި ޝްރައްދާ އެކުގައި ނުފެނުމުގެ ފަހަތުގައި ވަނީ އާލިއާ ކަމަށް ގިނަ ބަޔަކު ބުނަން ފެށީ އެހެންވެ އެވެ.

އެހެން ނަމަވެސް އެކަމަށް ޖަވާބު ދެމުން ރަންބީރު ބުނީ އެއީ ފިލްމުގެ ޕްރޮޑިއުސަރުންގެ ނިންމުމެއް ކަމަށާއި ރަންބީރާއި ޝްރައްދާގެ ޖޯޑަކީ އާ ޖޯޑެއް ކަމުން ފިލްމުގެ ޕްރޮޑިއުސަރުން ބޭނުންވީ ބެލުންތެރިންނަށް އެންމެ ފުރަތަަމަ ވެސް އެ ދެތަރިން އެކުގައި ފިލްމުން ފެނުން ކަމަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ކައިވެނިކުރި ރަންބީރު އާއި އާލިއާއަށް މިދިޔަ ނޮވެމްބަރު މަހު ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.