މޮސްކޯ (29 ޑިސެމްބަރު) - އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ރަޝިއާ އަދި ތުރުކީގެ އަސްކަރީ ގުޅުންތައް ބަދަހިކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގޭ ލެވްރޯވް ވިދާޅުވެއްޖެ އެވެ.

ލެވްރޯވް މިހެން ވިދާޅުވީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުސްއޮގްލޫ މިހާރު ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލު ކުރައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ލެވްރޯވް ވިދާޅުވި ގޮތުގައި ރަޝިއާ އާއި ތުރުކީއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ނުގުޑާ ފަދަ ގުޅުމެކެވެ. އަދި ބަޔަކު އެކަމާ ހިންހަމަނުޖުމުން ނުވަތަ ރުޅިއައުމަކުން އެ ގުޅުމަކަށް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގުޅުން ބިނާވެގެންވަނީ ދެ ގައުމުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމާއި، ދެ ގައުމުން ބޭނުންވާ ކަންކަން ބަލައި އެކަންކަން ކުރުމަށް އެއްބާރުލުން ދިނުންކަމަށް ވެސް ލެވްރޯވް ވިދާޅުވި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ގައުމުން ވަނީ ރަޝިއާ އާ އަސްކަރީ ގުޅުންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ރަޝިއާ އާއެކު ގުޅުން ބަދަހިކުރުމުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ތުރުކީ އިސްތިގުލާލަށް ހުރަސްއެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީއަކީ އަބަދުވެސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދޭ ގައުމެއް ކަމަށާއި، އެމެރިކާއިން ބޭނުންވާ ނަމަ އަދިވެސް އެފުރުސަތު އެބައޮތް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ތުރުކީން ވަނީ ރަޝިއާގެ އުފައްދާފައިވާ މިސައިލުން ދިފާއުކޮށްދޭ ސިސްޓަމެއް މިދިޔަ އަހަރު 2.6 ބިލިއަން ޑޮލަރަށް ގަނެފަ އެވެ. އެމެރިކާއިން ވަނީ ރަޝިއާގެ މި ސިސްޓަމަކީ ނޭޓޯގެ މެމްބަރު ގައުމަކަށްވެ ހުރެ ތުރުކީ އިން ނޭޓޯގެ އަސާސްތަކާއި ހިލާފުވުން ކަމަށް ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށް ބުނެ ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

މިގޮތުން ތުރުކީގެ މިލިޓަރީ ޕްރޮކިއުމަންޓް އެޖެންސީއަށާއި، އެތަނުގެ ވެރިޔާ އިސްމާއިލް ދާމިރު އަދި އިތުރު ތިން އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅާފަ އެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގައި ހުރި އެ މީހުންގެ ހުރިހާ މުދަލެއް ހިފެއްޓޭނެ އެވެ. އަދި އެމެރިކާއަށް ދަތުރުކުރުން މަނާކުރުމާއި ޑިފެންސް އެޖެންސީ އާއި ވިޔަފާރި ގުޅުން ހިންގުމާއި ލޯނާއި ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަން މަނާކުރެވޭނެ އެވެ. --އަލްޖަޒީރާ