ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުފުޅަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

‎އެގޮތުން ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާ އަށެވެ. އަދި އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފަ އެވެ. މި ކޮންފަރެންސްގެ ހަވާސާގައި ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝްއާ ބައްދަލުކުރައްވާފަ އެވެ.

‎މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ސޭޝެލްސްގެ ރައީސް އާއި، ފަލަސްޠީނުގެ ރައީސްއާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯ ލެސްޓޭގެ ރައީސް އާއި، އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ގުރޫޕުގެ ޗެއާ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެ ގައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

‎ރައީސްގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެމަނިކުފާނު ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ ޖަރުމަނުގެ ބާލިންގެ މެސޭ ބާލިންގައި ބޭއްވި ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑުފެއާ، އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވާފަ އެވެ.

‎މި ދަތުރުފުޅުގައި އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސް ސޯލިހު ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފަ އެވެ.