ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީތަކުގެ ސަފުތައް އަތުރާލައި މައިދާނަށް ނިކުންނަން އަންނަނީ ތައްޔާރު ވަމުންނެވެ. މިހާތަނަށް ރައްޔިތުންގެ ވިންދުތަކާ އެންމެ ބޮޑަށް ކުޅެމުންދިޔަ ޖުމުހޫރީ ޕާޓީން ވަކި ގޮތެއް ނިންމައި، ރިޔާސީ ރޭހަށް ނުކުތުމުން ދެން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވަރުގަދަ ކުރިމަތިލުމެއްކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެކަމަށްޓަކައި ސިޔާސީ މައިދާން މިވަގުތު އޮތީ ކިތަންމެ ރަނގަޅަކަށް ވެސް ތައްޔާރުވެފަ އެވެ.
ދެ ބޭފުޅުން މައިދާނަށް ނިކުމެ ވަޑައިގެން ކުޅި ޖެއްސެވުމުގެ ކުރިން ނަޣަރާގެ ބަސްތައް މިހާރު އަންނަނީ ގަދަވަމުންނެވެ. އެއް އުރައިގައި ދެކަނޑިއަކަށް ނޯވެވޭނެ ކަމަށާއި ޖުމުހޫރީ ޕާޓީގެ މެންބަރުން ސަރުކާރާ ފެޔަށް ޖެހުމަށް ގޮވައިލައި ގޮވާލުމުގެ އަޑު އަންނަނީ ގަދަވަމުންނެވެ. އެއަޑު ނޭއްސެވުމަށާއި އެއްވެސް ބޭފުޅަކު ސަރުކާރުން ވަކިވެ ވަޑައި ނުގަނަނަވަން އިލްތިމާސް ކުރައްވަމުން ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް ގެންދަވަނީ ކޯލިޝަން އުވޭނަމަ ރައީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ކޯލިޝަންގެ ވާހަކަދައްކާއިރު އެންމެ ފުރަތަމަ ވެސް ފާހަގަ ކޮށްލަން ޖެހޭކަމަކީ ރިޔާސީ ނިޒާމަކީ އެއްވެސް ހާލެއްގައި ކޯލިޝަނަށް ތަންދޭ ނިޒާމެއް ނޫން ކަމެވެ. އެ ނިޒާމުގައި ހަދާ ކޯލިޝަން އުވުނަސް ގާނޫނީ ގޮތުން ވެރިމީހާއަށް ނުވަތަ ސަރުކާރަށް ދިމާ ވާނެ އެއްވެސް މައްސަލައެއް ނޯވެ އެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވިޔަސް ރައީސް ސޯލިހުގެ ގާނޫނީ ހައިސިއްޔަތާ މެދު އެއްވެސް ސުވާލެއް ނުފެއްދޭނެ އެވެ. ޖެއްސޭނެ މައްސަލައެއް ވެސް ނޯންނާނެ އެވެ.
ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބަށް ނިކުންނާނެ ކަމަށް އިއުލާންކުރުމާއެކު އެ ޕާޓީގެ މެންބަރުންގެ ތެރެއިން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ގާސިމްގެ ނަޒަރުގައި ޖުމުހޫރީ ޕާޓީގެ މެންބަރުން ސަރުކާރުން ވަކިނުކުރެވޭނެ ކަމަށް ފެނުނު ކަމުގައި ވިޔަސް އެ ޕާޓީގެ މެންބަރުން ސަރުކާރުން ވަކިކުރަން ނުވަތަ އިސްތިއުފާ ދޭން ޖެހެ އެވެ. އަޚުލާގީ ގޮތުން ބެލިކަމުގައި ވިޔަސް، ސިޔާސީ ގޮތުން ބެލިކަމުގައި ވިޔަސް، އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީގެ މެންބަރުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދިނުމެވެ. ސަރުކާރުގައި ތިބެ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ސިޔާސީ ގޮތުން ބަލާއިރު މަސްލަހަތު ފުށުއަރާ ކަމެކެވެ. އަޚުލާގީ ގޮތުން ވެސް އެއީ ރީތި ކަމަކަށް ނުވާނެ އެވެ.
ކޯލިޝަނުގައި އެކުގައި މަސައްކަތް ކުރެވޭނީ އެންމެން އެއްރޫހެއްގައި އެކައްޗެއް ކިޔައިގެންނެވެ. ދެބަޔަކު ދެކޮޅަށް ކެމްޕޭނަށް ނުކުންނަ އިރު އެކަމެއް އެގޮތަކަށް ނުވާނެ އެވެ. މިކަން މިހާރު ވެސް ދަނީ ފެންނަމުންނެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެކަން އިއުލާން ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ޕާޓީއަށް ނިސްބަތް ވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ ސަރުކާރު ކުށްވެރިކޮށް ވަރަށް ގަދައަށް ވާހަކަދައްކަފުޅު ދައްކަވާފަ އެވެ.
ރައީސް ސޯލިހުގެ ސަރުކާރު ވަނީ ދިވެހިންގެ މިނިވަންކަމާމެދު ސުވާލު އުފެދޭ މިންވަރަށް އިންޑިއާގެ ނުފޫޒު ރާއްޖެއަށް ގެނެސްފައި ކަމަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާ މިންވަރަށް އެކަނި ބަލާލި ކަމަށް ވިޔަސް މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށެވެ.
އެ މެންބަރު އެގޮތަށް ވާހަކަފުޅު ދެއްކެވުމަށްފަހު ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި ނިންމުމާ ގުޅިގެން އެ ޕާޓީ ސަރުކާރުން ވަކިވާން ގޮވާލަމުން ދަނިކޮށް، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ މިހާރުގެ ސަރުކާރަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެހެންކަމުން ސަރުކާރުގައި ތިބެ ސަރުކާރުގެ ކެންޑިޑޭޓާ ދެކޮޅަށް ކެމްޕޭން ނުކުރެވޭނެކަން ސާބިތުވެ އެވެ.
ކޯލިޝަންގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އެ ކޯލިޝަންގެ ބައިވެރިން ދައްކަވާ އެއްވާހަކައަކީ އެ ފަރާތްތަކަށް ލިބެންޖެހޭ މިންވަރު ސަރުކާރުން ނުލިބޭ ވާހަކަ އެވެ. އެ ވާހަކަ ގާސިމް ވަނީ މި ފަހަރު ވެސް ދައްކަވާފަ އެވެ. ސަރުކާރުން ޖުމްހޫރީ ޕާޓީއަށް ލިބެންޖެހޭ ހައްގު މިންވަރު ލިބުނުތޯ ސުވާލު ކުރައްވަމުން ކުރިޔަށް އޮތް ނޮވެމްބަރާ ހަމަޔަށް އެ ޕާޓީގެ މެންބަރުންނަށް ސަރުކާރުގައި ދެމި ތިބެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ކޯލިޝަން އެގްރީމެންޓަށެވެ.
ކޯލިޝަން އެގްރީމެންޓްގައި ކޮންމެ އެއްޗެއް އޮތަސް ސަރުކާރުގެ ސިޔާސީ މަގާމުތަކުން މީހުން ވަކިކުރުމާ ނުކުރުމުގެ ފުރިހަމަ އިޚުތިޔާރު ރައީސަށް ލިބިގެންވެ އެވެ. ސުވާލަކީ ރައީސް ސޯލިހަށް ޖުމުހޫރީ ޕާޓީ ސަރުކާރުން ބޭރު ކޮށްލައްވަން ކެރިވަޑައިގެންފާނެތޯ އެވެ. އެމަނިކުފާނަށް އެކަން ނުކުރެއްވުނު ނަމަ އެކަން ވެގެންދާނީ ކުރިމަތިވާ އިތުރު ބޮލު ރިހުމަކަށެވެ.