ފިރިމީހާ އާނަންދުއަކީ ދުނިޔޭގެ އެންމެ "ބެސްޓް ހަޒްބެންޑް" ކަމަށް ބުނެ ސޯނަމް ކަޕޫރު އާނަންދު އަހޫޖާއަށް ތައުރީފް ކޮށްފި އެވެ.

ސޯނަމް މިބީދައިން ވާހަކަ ދައްކާފައި މިވަނީ އިއްޔެ ފާހަގަކުރި މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އެ ދެމީހުންގެ ލަންޑަންގެ ގެ އާނަންދު ޒީނަތްތެރި ކޮށްފައިވަނިކޮށެވެ.

އެގޮތުން އެ މަންޒަރު އިންސްޓަގުރާމުގައި ހިއްސާ ކުރަމުން ސޯނަމް ބުނެފައިވަނީ އާނަންދުއަކީ ދުނިޔޭގެ އެންމެ ރަނގަޅު ފިރިމީހާ ކަމަށާއި ފިރިއެއްގެ ގޮތުގައި އޭނާ ލިބުމަކީ ނަސީބެއް ކަމަށެވެ.

މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަމުން އާނަންދު ބުނެފައިވަނީ އޭނާއަކީ ފުރިހަމަ ބައްޕައެއް ނޫން ކަމަށާއި އެހެން ނަމަވެސް "ފުލް ޓައިމް" މަންމައެއްގެ ގޮތުގައި ސޯނަމް ކުރާ މަސައްކަތަށް ތައުރީފް ހައްގު ކަމަށެވެ.

2018 ވަނަ އަހަރު ކައިވެނި ކުރި ސޯނަމްއާއި އާނަންދު ލަންޑަންގައި ދިރިއުޅުނު ނަމަވެސް ވަރަށް ގިނައިން އެ ދެމަފިިރިން އިންޑިއާއަށް އާދެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އުފަންވި އެ ދެމަފިރިންގެ ދަރިފުޅު ވަޔޫއާއެކު ސޯނަމްއާއި އާނަންދު ވަގުތު ހޭދަކުރަމުން ދާއިރު ސޯނަމް ވަނީ ފިލްމީ މަސައްކަތްތަކުން ވެސް އެކަހެރިވެފަ އެވެ.

އެގޮތުން ދެން ސޯނަމް އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ބްލައިންޑް" އިންނެވެ.