އެމްއެންޑީއެފްގައި ދިމާވާ މައްސަލަތަކުގައި މިނިސްޓަރު ކުށްވެރިކުރަނީ އަންހެނަކަށް ވުމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗްގައި ކުރާ އޮޕަރޭޝަނެއް ގޯސްކޮށް ގޮސްފިނަމަ އެއްވެސް މީހަކު ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކުށްވެރި ނުކުރާ ކަމަށެވެ. އަދި ފުލުހުންގެ އެއްވެސް އިހުމާލަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެއްވެސް މީހަކު ކުށްވެރި ނުކުރާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ އޮޕަރޭޝަނެއްގައި ގޯހެއް ހިނގައިފިނަމަ ޑިފެންސް މިނިސްޓަރު ކުށްވެރި ކުރާ ކަމަށާއި މިނިސްޓަރު ކުށްވެރި ކުރަނީ އަންހެނަކަށް ވުމުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އެމްއެންޑީއެފް އޮޕަރޭޝަން ނުވަތަ ޓެކްޓިކް ލެވެލްގައި ކަމެއް ހިނގައިފި ނަމަ ޑިފެންސް މިނިސްޓަރު ކުށްވެރި ކުރޭ. އެއީ އަންހެނަކަށް ވީމަ. މި މަހަކީ އަންހެނުންގެ މަސް ގޮތުގައި ފާހަގަކުރާ މަސް." މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ މޮޓޯކޭޑުވަނީ، ސިލްސިލާކޮށް އިދިކޮޅުން ކޮންމެ ރެއަކު މާލޭގައި ބާއްވަމުންދިޔަ މުޒާހަރާގެ ތެރެއަށް ވަދެފަ އެވެ. އަދި މޮޓޯކޭޑު މުޒާހަރާގެ ތެރޭގައި 15 ވަރަކަށް މިނިޓު ތާށިވި އެވެ. މިކަމާ ގުޅިގެން 4 މީހަކު ހައްޔަރުކޮށް ވަނީ މުއްދަތު ޖަހާފަ އެވެ.