ކޮވިޑް- 19ގެ ބަލިމަޑުކަމުން ރާއްޖެއިން އަރައިގަތުމަށް ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ވެކްސިން ގަތުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިއަދު ނެރުނު މާލިއްޔަތާ ބެހޭ ގަރާރުގައި ވަނީ ކޮވިޑް- 19އާ ދެކޮޅަށް ކުރާ މިވެކްސިން ގަތުމަށް ނިންމާފައި ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއާ ދެމެދު މިކަމަށްޓަކާ އެއްބަސްވުމެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓަރުގެ ގަރާރުގައި ވަނީ މިކަމުގައި އަމަލުކުރާނެ ގޮތްތައް ވެސް ޢާއްމުކުރައްވާފަ އެވެ. އެގޮތުން ވެކްސިންގެ ކަންކަން ކުރިއަށްދަނީ މާލިއްޔާތު ގަވާއިދުގެ ދަށުންކަން ކަށަވަރުކުރުމަށް، އެކަމަށް ޚާއްސަ އިންޓަނަލް އޮޑިޓެއްކުރަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެ ވެކްސިން ގަތުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ހަތަރު މާއްދާއަކަށް އަމަލުނުކުރަން ވަނީ ނިންމައިފަ އެވެ. އެއީ އެ ގަވަދުގެ 10.43 އާއި 10.52 އާއި 10.67 އަދި 10.71 އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގަވައިދުގެ އެ ހަތަރު މާއްދާއަށް އަމަލުނުކުރަން ނިންމާފައި ވަނީ ހަމައެކަނި އެސްޓްރާޒެނެކާގެ ވެކްސިން ގަތުމަށް ސޮއިކުރެވޭ މުއްދަތަށް ކަމަށެވެ. އަދި އެވެކްސިން ގަތުމަށް ހިނގާ ހަރަދަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާއަށް އަންގާފައިވެ އެވެ.
އިނގިރޭސިވިލާތުގެ އެކްސްޓްރާޒެކެނާ އާއި އޮކްސްފޯޑް ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިން ގަތުމަށް ރާއްޖެއިން ނިންމާފައިވާއިރު މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަސޭހަ ވެކްސިނެވެ. އެގޮތުން މިހާރު ބޭނުންކުރަމުން އަންނަ ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިން ޚިލާފަށް، މިވެކްސިން އާއްމު ޓެމްޕަރޭޗަރުގައި މިވެކްސިން ރައްކާކުރެވެ އެވެ.
ރާއްޖޭގައި ވެސް ވެކްސިން ލިބެންވާއިރަށް ވެކްސިން ރައްކާކުރުމަށް ޚާއްސަ ފިނިކޮށާރުތަކެއް މާލޭގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވި އެވެ. އަދި ވެކްސިން ލިބެންވާއިރަށް ކުރަންޖެހޭ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކްސްޓްރާޒެނެކާގެ ވެކްސިންގެ ޓެސްޓް މަރުޙަލާތައް ނިންމައި އިގިރޭސިވިލާތުގައި ބޭނުންކުރަން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ.