ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާން ރީ-ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ކ.ގުރައިދޫ، ކ.މާފުށި އަދި ކ.ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ.

އިލެކްޝަނުން ބުނީ މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެންނެވެ.

ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ހުސައިން ރިޒާއަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައި ވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒް އަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފް އަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.