މީޑިއާނެޓުގެ ވީޑިއޯ ކްލަބުން އާ ދެ ސީރީޒެއް ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.
އެގޮތުން އަންނަ އަންގާރަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވަނީ "ހިތް ކަލާއަށް އެދޭތީ" އަދި އަންނަ ބުދަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވަނީ "ލަފްޒު" ގެ ދެވަނަ ސީޒަން އެވެ.
"ލަފްޒު"ގެ ފުރަތަމަ ސީޒަން ވެސް މީޑިއާނެޓްގެ ވީޑިއޯކްލަބުން ދައްކާފައިވާއިރު މިސީރީޒަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މިއީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ "ދެކެދެކެ ވެސް ފިލްމް ޕްރޮޑަކްޝަން" އިން ޕްރޮޑިއުސް ކޮށް މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލު ޑައިރެކްޓް ކޮށްފައިވާ ސީރީޒެކެވެ.
މި ސީޒަންގެ ވެސް ލީޑް ބަތަލުންގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ އަދި އަލީ އާޒިމް (ދޮންއައްޔަ) ފެނިގެން ދާނެ އެވެ.
ވީޑިއޯކްލަބުން މުޅިން އަލަށް ރިލީޒްކުރާ "ހިތް ކަލާއަށް އެދޭތީ" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް، މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް، "އެމްއީ ޕްރޮޑަކްޝަން" އިން އުފައްދާފައިވާ ލޯބީގެ ސީރީޒެކެވެ. މި ސީރީޒްގައި ފެނިގެންދާނީ އަލީ އުސާމް (ދޮނާ) އާއި މަރިޔަމް ސަނާ، މުހައްމަދު އިމާއު އަބްދުﷲ އާއި ޝަފާނާ ޝަމީމް (ދޮނީ)ގެ އިތުރުން އާމިނަތު ޝާނާ ސައީދު އެވެ.
މި ދެ ސީރީޒް ރިލީޒްކުރާ ދުވަހު މީޑިއާނެޓްގެ ހުރިހާ މަލްޓި ސްކްރީނަކުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީޑިއާ ނެޓްގެ މަލްޓި-ސްކްރީނަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ. މަލްޓިސްކްރީނުން، ލައިވް ޓީވީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފިލްމާއި ސީރީޒް ވެސް ބަލައިލެވޭނެ އެވެ.
މީޑިއާ ނެޓުން އެމްއެސްޓީވީގެ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފައިވާއިރު، އެ އެޕްލިކޭޝަން ފްލޭ ސްޓޯރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑު ކުރެވޭނެ އެވެ. މީޑިއާ ނެޓްގެ އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީން ވެސް މީޑިއާ ނެޓްގެ ޝޯތަކާއި ޑްރާމާތައް ބެލޭނެ އެވެ.