"ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލި ފަހުން ރާއްޖޭގައި ބޭރުގެ ނުފޫޒު އެންމެ ގަދަވި ދުވަސްވަރަކީ މިއީ" މިއީ އިންޑިއާގެ ނުފޫޒު ދިވެހި ސަރުކާރަށް އޮތް މިންވަރާ ބެހޭ ގޮތުން ޖުމުހޫރީ ޕާޓީގެ އެއް ޑެޕިއުޓީ ލީޑަރު ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ދެއްކެވި ވާހަކަކޮޅެކެވެ.

އިންޑިއާ އިން ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވައި ރާއްޖެ އަޅުވެތި ކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ވިދާޅުވެ އަލީ ހުސެއިން ސަރުކާރަށް ފާޑުވިދާޅުވީ ޖުމުހޫރީ ޕާޓީން ސަރުކާރާ ނުގުޅި ވަކިން އިންތިޚާބަށް ނުކުންނަން އިއުލާން ކުރުމުގެ އެއްދުވަސް ކުރިންނެވެ. އަލީ ހުސެއިން އިންޑިއާއާ ދެކޮޅަށް މި މޭރުމުން ވާހަކަ ދެއްކެވުމުގެ ކުރިން އެފަދަ ވާހަކަ ދައްކައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށް އަޑު އުފުލަމުން ގެންގޮސްފައި ވަނީ މިހާރުގެ އިދިކޮޅު ޕާޓީ، ޕީޕީއެމުންނެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ހުކުމެއް އައިސް މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ސާބިތުކަމާއެކު ވިދާޅުވަމުން ގެންދެވި އެއް ވާހަކަފުޅަކީ ކުރިޔަށް އޮތް އިންތިޚާބުގައި އެއްކޮޅުގައި އޮންނާނީ އިންޑިއާ ކަމަށެވެ. އިންޑިއާއާ ވާދަކޮށް ދިވެހި ރައްޔިތުން ކުރިހޯދުމާއި ނުހޯދުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. މިވަގުތު ގައުމުގެ ހާލަތު އޮތީ އިންޑިއާ ބޭނުން ނުވާ ކަމެއް ރާއްޖޭގައި ކުރެވޭފަދަ ހާލަތަކަށް ނޫން ކަމަށާއި އެ ހާލަތުން އަރައިގަންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ އެކަމަށްޓަކައި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް އިސްވެ އޮވެ ހިންގި ހަރަކާތެކެވެ. އެ ހަރަކާތުގެ ތެރެއިން ވަކާލާތު ކުރަމުން ގެންދިޔައީ އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ގާއިމުވެ ތިބޭ ތިބުމަށް ނިމުމެއް ގެނައުމާއި އިންޑިއާ އިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހާމަކުރުމަށެވެ.

ޖުމުހޫރީ ޕާޓީގެ އަލީ ހުސެއިން ވެސް މި ކަންތައްތަކަށް އަލިއަޅުއްވައިލައްވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީން އުޅެގެން ވެސް އިންޑިއާ އިން ދިވެހި ރާއްޖޭގައި ހިންގަމުން ގެންދާ ޕްރޮޖެކްޓްތަކާ ބެހޭ މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ. އެ މައުލޫމާތުތައް ހިއްސާކުރައްވަން މަޖިލީހުގެ ކޮމިޓީއަށް ވަޑައިގެންނެވި ސިފައިންގެ އިސް ބޭފުޅުން ވަރަށް އަވަސް އަވަހަށް ބަދަލުކުރި ސްލައިޑްތަކެއް ދައްކަވާލުން ނޫން އިތުރު ކަމެއް ނުކުރި އެވެ.

އަލީ ހުސެއިން އިންޑިއާ އާ ދެކޮޅަށް ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ސިޔާސީ މައިދާނަށް ބޮޑު ލޮޅުންތަކެއް އަރައި އެކި ލީޑަރުން އެކި ކޮޅުކޮޅަށް ބެހެމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޖުމްހޫރީ ޕާޓީން މިހާރު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި ކެމްޕޭން ފަށައިފަ އެވެ.

ރިޔާސީ އިންތިޚާބަށް ވަކިން ނުކުންނަން ނިންމުމާ ހަމަޔަށް ޖުމުހޫރީ ޕާޓީން އައީ ޕީޕީއެމްގެ އިންޑިއާ އައުޓު ކެމްޕެއިނާ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފެނިވަޑައިނުގަންނަވާ ކަމަށާއި ދިވެހި ސިފައިން ވެސް އެކިއެކި ޓްރެއިނިން ފަދަ ކަންކަމުގައި އިންޑިއާގައި ތިބޭ ކަމުގައި ވިދާޅުވެ، ސަރުކާރުގެ ސިޔާސަތު ދިފާއު ކުރައްވައިފަ އެވެ. އަލީ ހުސެއިނާއި ގާސިމާ ދެބޭފުޅުން ދެ ދުވަސްވަރެއްގައި ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު ފެންނަން އޮތީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޖުމުހޫރީ ޕާޓީން އިންޑިއާއާ މެދު ދެކެމުން އައި ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.

އިންޑިއާ އިން ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަގުފަހިކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އޭރުގެ ރައީސް ޔާމީނާ ދެކޮޅަށް ނިކުތް އެމްޑީޕީގެ އިއްތިހާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ހިސާބުން ކަމަށް އިދިކޮޅު ޕީޕީއެމުން ވަކާލާތު ކުރެ އެވެ. ޗައިނާއާ ގާތް ގުޅުމެއް ބާއްވައި އެ ގައުމުގެ އެހީގައި އިގުތިސާދީ ބޮޑެތި މަޝްރޫއުތަކެއް ހިންގެވި ރައީސް ޔާމީނާ ދެކޮޅަށް އިންޑިޔާއިން ނުކުންނަން ޖެހުނީ ޗައިނާގެ ނުފޫޒު ދެކުނު އޭޝިޔާގެ ސަރަހައްދަށް ބޮޑުވަމުން އަންނަ ކަމަށް ބުނަމުން އެކަން ހުއްޓުވުމަށެވެ. އިންޑިއާއިން ދެކޭ ގޮތުގައި މި ސަރަހައްދުގައި ޗައިނާގެ ހަރަކާތްތައް އިތުރުވުމަކީ އެ ގައުމުގެ ސަލާމަތަށް އޮތް ބިރެކެވެ.

ރާއްޖޭގައި ޗައިނާގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެހީތެރިވެ، ރާއްޖޭގެ ތަރައްގީގައި ޗައިނާ ކުޅުނު ރޯލު ނެގުމަށް އިންޑިއާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެ އިންޑިޔާ ސަރުކާރާ ގުޅުން ބަދަހިވި އެވެ. ދިވެހި ސަރުކާރުން ހިންގަން ވައުދުވެފައިވާ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ލޯނު އެހީގައި އެ ގައުމުގެ ކުންފުނިތަކާ އެވެ. އިންޑިޔާ ސަރުކާރުން ރާއްޖޭގައި ހިންގާ ގައުމީ ސަލާމަތާ ބެހޭ މަޝްރޫއުތަކަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މަޝްރޫއުތަކެކެވެ.

އިންޑިއާއިން ރާއްޖޭގައި ނުފޫޒުގަދަކޮށް ޗައިނާގެ ބާރު ކަނޑުވާލުމަށް ކުރަމުން ގެންދާ މަސައްކަތަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބަކަށް ވާނެ އެވެ. ވެރިކަމަށް އައުމަށްފަހު އެ ގައުމާއެކު މިހާރު އޮތް ގުޅުން އެގޮތަށް ކުރިޔަށް ގެންދާނެ ޕާޓީއަކަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު އެމްޑީޕީ ދެބައިވުމުން އިންޑިއާ އަށް ނަގާނެ ކޮޅެއް ނޭނގުން ވަރަށް ގާތެވެ. އެހެން ނަމަވެސް ރައީސް މުހައްމަދު ނަޝީދު ޖުމުހޫރީ ޕާޓީއަށް ތާއީދުކުރައްވާއިރު، އެ ޕާޓީގެ އިސް ސަފުގައި އިންޑިޔާގެ ނުފޫޒާ ދެކޮޅު ބޭފުޅުން ތިއްބެވުމުން އިންޑިއާ ސަރުކާރުގެ ތާއީދު ނަޝީދަށް ލިބުން ވަރަށް ދުރެވެ. ދެން އޮތީ ރައީސް ސޯލިހުގެ އެމްޑީޕީ އެވެ.

ވެރިކަމުގެ ފަސް އަހަރު ނިމި އަލުން އާ ދައުރަކަށް ކެމްޕެއިން ފަށަން ތައްޔާރުވަމުން އަންނައިރު ރެކޯޑު އަދަދަކަށް އިންޑިޔާއިން ނެގި ލޯނުތަކުން ފެށި މަޝްރޫއުތައް ނިމި ލޮލަށް ފެންނަ ވަރުނުވުމުގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގާ ހަރަކާތްތަކާ ދެކޮޅަށް ބަސް ބުނާ މީހުންނާ މެދު އިންޑިއާއިން އަމަލު ކުރަމުންދާ ނޭއްގާނީކަމުގެ ސަބުން ގިނަ ބައެއްގެ ހިތުގައި އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގާ ހަރަކާތްތަކާ ދެކޮޅެވެ. މިފަދަ ހާލަތުގައި ކެމްޕޭނަށް ތައްޔާރުވަމުން އަންނައިރު އިންޑިޔާއަށް ވަފާތެރި އެމްޑީޕީ ދެބައިވެފައި އޮތުމުން ހަގީގަތުގައި ވެސް އިންޑިއާއަށް ނަގަންވީ ކޮންކޮޅެއްކަން މިވަގުތު ކަނޑައަޅަން އުނދަގޫ ވާނެ އެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް އިންތިޚާބުގައި އިންޑިއާ އަށް ބަރޯސާވާ ސަރުކާރެއް ގެނައުމަށް އެ ގައުމުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ އެވެ.