ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސް.އެން.ޕީ)ގެ ލީޑަރުގެ ހައިސިއްޔަތުން ސްކޮޓްލޭންޑުގެ ފަސްޓް މިނިސްޓަރު ކަމަށް އިއްޔެ އައްޔަން ކުރި ހަމްޒާ ޔޫސުފަކީ އެ ގައުމުގެ ތާރީޚުގައި ވެސް ދޮން ނޫން ނަސްލަކުން ވެރިޔަކަށް އިންތިޚާބުވި ފުރަތަމަ ލީޑަރެވެ. އަށް އަހަރު ދުވަހަށްފަހު އެ ގައުމުގެ ފަސްޓު މިނިސްޓަރު ކަމުން ނިކޮލަސް ސްޓާޖަން އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ބޭއްވި ވަރަށް ވާދަވެރި އިންތިޚާބެއް ކާމިޔާބު ކުރައްވައި ގައުމުގެ ފަސްޓް މިނިސްޓަރުކަމަށް ހަމަޒާ ޔޫސުފު ހޮވި ވަޑައިގެންނެވީ 52 ޕަސެންޓުގެ މެޖޯރިޓީއެއް ކާމިޔާބު ކުރައްވައިގެންނެވެ.

ފަސްޓު މިނިސްޓަރު ކަމަށް ހޮވިވަޑައިގެންނެވުމުގެ ކުރިން އުމުރުން 37 އަހަރުގެ ހަމްޒާ ޔޫސުފު ހުންނެވީ ސްކޮޓްލޭންޑުގެ ހެލްތު މިނިސްޓަރކަމުގެ މަގާމުގައެވެ. ހަމްޒާގެ ކާމިޔާބު ސްކޮޓްލޭންޑުގެ އިތުރުން އިނގިރޭސި ވިލާތުގައި ވެސް ވަރަށް ޚާއްސަ ގޮތެއްގައި އަންނަނީ ފާހަގަކުރަމުންނެވެ. ޚާއްސަކޮށް އިނގިރޭސި ވިލާތުގެ ގުޅިފައިވާ ދައުލަތްތަކުގެ ތެރެއިން އެއް ދައުލަތުގެ ވެރިކަން މުސްލިމަކަށް ލިބުމީ ސިޔާސީ ގޮތުން މުސްލިމުންނަށް ހުރި ފުރުސަތު ފުޅާވަމުންދާ ކަމެއް ކަމުގައި ބެލެވެއެވެ. އޭގެ އިތުރުން ހަމްޒާގެ ސިޔާސީ ކާމިޔާބާ އެކު އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑުގެ އެންމެ ބާރުގަދަ ތިން ލީޑަރުންނަކީ ސައުތު އޭޝިޔާއަށް ނިސްބަތްވާ ބޭފުޅުން ކަމުގައި ވީ އެވެ. އިނގިރޭސި ބޮޑުވަޒީ ރިޝީ ސުނާކާއި ލަންޑަނުގެ މޭޔަރު ސާޖިދު ޚާން އާއި ސްކޮޓްލޭންޑްގެ ފަސްޓު މިނިސްޓަރު ހަމްޒާ ޔޫސުފަކީ ވެސް އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ.

ހަމްޒާގެ ބައްޕައަކީ ފަސްދޮޅަހުގެ އަހަރުތަކުގައި ޕާކިސްތާނުގެ ޕަންޖާބު ސަރަހައްދުން އާއިލާއާއާ އެކު ސްކޮޓްލޭންޑަށް ހިޖުރަ ކުރި މީހެކެވެ. ހަމްޒާގެ މަންމަ އަކީ ޕަންޖާބަށް ނިސްބަތްވާ އާއިލާއަކުން ކެންޔާއަށް އުފަން މީހެކެވެ. ހަމްޒާ އުފަންވެ ވަޑައިގެންނެވީ ސޮކްޓްލޭންޑުގައި 1985 ގައެވެ. ހަމްޒާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ސައިކޯތެރަޕިސްޓެއް ކަމުގައިވާ ނާދިޔާ އަލް ނަކާލް އާއެވެ. ނަކާލްގެ އާއިލާ ނިސްބަތް ވަނީ ފަލަސްތީނުގެ ގާޒާ އަށެވެ.

ސްކޮޓްލޭންޑުގެ ވެރިކަމަށް ހޮވިވަޑައިގެންނެވުމާ ގުޅިގެން ސްކޮޓިޝް ޕާލަމެންޓުގައި ހަމްޒާ ޔޫސުފު ދެއްކެވި ވާހަކަފުޅުގައި މުސްލިމަކަށް ވީތީ އޭނާގެ ހަޔާތަށް ދިމާވި ގޮންޖެހުންތަކުގެ މައްޗަށް އަލި އަޅުވައިލެއްވެވިއެވެ. އެގޮތުން އެމެރިކާ އަށް ދިން 9/11 ގެ ހަމަލާ އަށްފަހު ދިރިއުޅުން ވަރަށް އުނދަގޫވި ވާހަކައާއި އޭނާގެ އެކުވެރި ދަރިވަރުންގެ ފަރާތުން ކުރިމަތިވަމުން ދިޔަ ސުވާލުތަކުގެ ސަބަބުން ހިތްދަތިކަން ގެނުވި ކަމުގައި ވިދާޅުވިއެވެ. އެހެނަސް އެހުރިހާ ދަތި އުނދަގުލަކާ އެކު ވެސް ކެތްތެރިކަމާ އެކު ކަންކަމާ ކުރިމަތި ލައިގެން މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅުވާނެކަން އޭނާގެ ހަޔާތުން ސާބިތު ކޮށްދެވިއްޖެ ކަމުގައި ވިދާޅުވަމުން ހަމްޒާ ގޮވައިލެއްވީ އެއްވެސް މީހަކު ބާކީވެ ނުގަނެ ގަދައަޅައި މަސައްކަތް ކުރުމަށެވެ. އެކަމަށްޓަކައި ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ސްކޮޓްލޭންޑް، އިނގިރޭސި ޔޫނިއަނުން ވަކިވެ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަމުގައިވާ ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ކުރިޔަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރިޔަށް ގެންދަވާނޭކަމުގައި ހަމްޒާ ވިދާޅުވިއެވެ. ހަމްޒާ ވިދާޅުވި ގޮތުގައި އޭނާ ބޮޑަށް އިސްކަން ދެއްވާނީ ސްކޮޓްލޭންޑުގެ މިނިވަންކަމަށް ރައްޔިތުންގެ ތާއީދު ބޮޑު ކުރެއްވުމަށެވެ. ހަމްޒާ ވިދާޅުވީ މައްސަލައިގައި ކުރިޔަށް ދިޔުމުގެ ކުރިން ރައްޔިތުންގެ ސާފު މެޖޯރިޓީ ތާއީދު އެކަމަށް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ. ސްކޮޓިޝް އިންޑިޕެންޑެންޓު ރިފަރެންޑަމްގެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި ކަމުގައި ވިޔަސް އެމަނިކުފާނު އެކަން ކުރައްވާނީ ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އެވެ.

ސްކޮޓްލޭންޑް ސިޔާސީ އުދަރެހުގައި މިވަގުތު ހަމްޒާ ޔޫސުގެ ނަން ކިތަންމެ މަޝްހޫރު ކަމުގައި ވިޔަސް ހަމްޒާ އަށް ސިޔާސީ ގޮތުން ކުރިމަތީގައި އޮތީ މާ ފަސޭހަ މަގެއް ނޫނެވެ. އެތެރޭގެ އިންތިޚާބާއި ރިފަރެންޑަމްގެ މައްސަލައިގައި ޚިޔާލު ތަފާތުވެ ބައިބައިވުން އުފެދިފައިވާ އޭނާގެ ޕާޓީ އެސް.އެން.ޕީ އެއްބައި ކުރުވުމަކީ ހަމްޒާގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެއާއެކު ދޮޅު އަހަރު ދުވަހުގެ ތެރޭގައި އޮންނަ އާންމު އިންތިޚާބާ ކުރިމަތިލައި އެސް.އެން.ޕީގެ މަގާމު ދެމެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު ވެސް އޮތީ ހަމްޒާގެ ކޮނޑުގައި އެޅިފައެވެ.

ކުރިޔަށް އޮތް އުނދަގޫ ދަތުރަށް އިޝާރަތް ކުރައްވަމުން ހަމަޒާ ވިދާޅުވީ އޭނާގެ ހުރިހާ ވަގުތެއް ވެސް ވޭތި ކުރާނީ ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރައްވައި ގައުމަށް ފާގަތިކަން ހޯއްދެވުމަށް ކަމުގައެވެ.