މަޝްހޫރުކަން ލިބިފައިވާ ސްޓާރުންގެ ދަރިންގެ ބަދުއަހުލާގީ ވާހަކަތަކަކީ ފަހަކަށް އައިސް ވަރަށް ގިނައިން ނޫސްތަކުގެ ފަލަ ސުރުހީގައި ދެކެވޭ ވާހަކަތަކެވެ.

އޭގެ ލިސްޓުގައި މަޝްހޫރު އަދި ކާމިޔާބު ދެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖަލްގެ އަންހެން ދަރިފުޅު ނައިސާގެ ވާހަކަތަކަކީ ވެސް ފަހަކަށް އައިސް ސޯޝަލް މީޑިއާތަކުގަ އާއި ނޫސްތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އެވެ. އެގޮތުން ނައިސާއަށް ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ލިބުނު ނަމަވެސް އޭނާ ހުންނަ ގޮތާއި، އޭނާގެ އަމަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން އޭނާއަށް ވަރަށް ބޮޑަށް މަލާމާތްކޮށް، ފާޑުކިޔާފައިވެ އެވެ.

އެގޮތުން ނައިސާ ނައިޓް ކްލަބްތަކުގައި ޕާޓީކުރާ ތަނާއި މަސްތުގެ ހާލަތުގައި އެތައް ފަހަރަކު އާންމުންނަށް މަގުމަތިން ފެނިފައިވާ ކަމަށް ނޫސްތަކުގަ އާއި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވެ އެވެ.

މިވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވެ އާންމުންގެ ފާޑުކިޔުން ނައިސާއަށް ލިބެމުން ދިއުމުން ދަރިފުޅުގެ ދިފާއުގައި ކާޖަލް ވަނީ އިންޑިއާގެ ނޫހަކަށް އިންޓަވިއުއެއް ދީފަ އެވެ. އެގޮތުން ނައިސާއަކީ މިހާރު ޒުވާން އަންހެން ކުއްޖެއް ކަމަށާއި، ޒުވާން އުމުރުގައި ރަހުމަތްތެރިންނާއެކު މަޖާކޮށް ހަދަން އެ އުމުރުގެ ކުދިން ބޭނުންވާނެ ކަމަށް ކާޖަލް ފާހަގަކުރި އެވެ.

ކާޖަލް އިތުރަށް ބުނިގޮތުގައި އެ ފުރުސަތު ނައިސާއަށް ފުރިހަމައަށް އޭނާ ދޭނެ އެވެ. އަދި ކާޖަލް އަބަދުވެސް ނައިސާއާ ދޭތެރޭގައި ފަހުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.