ޝަންހައި (31 ޑިސެމްބަރު) - އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓެރެއިން ޗައިނާއިން ވެސް ފެނިއްޖެ ކަމަށް އެ ގައުމުގެ ހެލްތް އޮފިޝަލުން ބުނެފި އެވެ.

ޗައިނީސް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނީ މި ވައިރަސް ފެނިފައި ވަނީ ޑިސެމްބަރު މަހު 14 ވަނަ ދުވަހު އިނގިރޭސިވިލާތުން އެ ގައުމަށް ދިޔަ 23 އަހަރުގެ އަންހެނެއްގެ ފަރާތުން ކަމަށެވެ. އެ އަންހެން މީހާގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނުމުން އޭނާ ވަނީ ހޮސްޕިޓަލުގައި އެޓްމިޓްކޮށް ފަރުވާ ދޭން ފަށާފަ އެވެ.

އިނގިރޭސިވިލާތުން ދިޔަ މީހަކަށްވުމުން އޭނާގެ ސާމްޕަލް ވަނީ ޖެނެޓިކް ސީކްއެންސިން ވެސް ހަދާފަ އެވެ. ޓެސްޓްތަކުން އެނގުނު ގޮތުގައި އޭނާގެ ފަރާތުން ފެނިފައިވަނީ ކުރިން ވޫހާން އަދި ޝަންގްހައިން ފެނުނު ވައިރަސްގެ ވައްތަރެއް ނޫން ކަމަށާއި އަދި އިތުރު ޓެސްޓްތަކުން މިއީ އިނގިރޭސި ވިލާތުގައި ފެތުރެމުންދާ ކޮވިޑް ވައިރަސްގެ ވައްތަރުކަމަށް ޔަގީންކުރެވިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޗައިނާއިން ވަނީ ޑިސެމްބަރު މަހު 24 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ފްލައިޓް އައުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މާހިރުން ވިދާޅުވާގޮތުގައި ވައިރަސްގެ މި ވައްތަރަކީ ކުރީގެ ވައްތަރުކަށް ވުރެ 70 ޕަސެންޓް އަވަހަށް ފެތުރޭ ވައްތަރެކެވެ. – ސްޓްރައިޓް ޓައިމްސް