އިންޑިއާގެ ޕާލަމެންޓުގެ ޖަލްސާތައް ބޮއިކޮޓްކޮށް އިދިކޮޅު ކޮންގްރެސް ޕާޓިގެ މެންބަރުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން ފެށިތާ ދެތިން ދުވަސް ވެއްޖެ އެވެ. ކޮންގްރެސްގެ މި ހަރަކާތަށް ތާއީދުކޮށް ގައުމުގެ އިދިކޮޅު ގިނަ ޕާޓިތަކުން ވެސް މި ހަރަކާތާ ވަނީ ގުޅިފަ އެވެ. އެބައި މީހުން ގޮވައިލަމުން ދަނީ އިންޑިއާގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އިހުތިރާމް ނުކުރާ ނުކުރުން ނިމުމަކަށް ގެނައުމަށެވެ.
އިންޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ލީޑަރު ރާހޫލް ގާންދީ އަށް އަބުރުގެ ދައުވާކޮށް، ދެއަހަރު ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމާއެކު ޕާލަމެންޓުގައި ރާހުލް ފުރުއްވަމުން ގެންދެވި ގޮނޑިގެއްލިއްޖެ ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި ހަމަ އެއާއެކު ކުރިޔަށް އޮތް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ގާންދީއަށް ވަނީ ގެއްލުވައިލައިފަ އެވެ.
އިންޑިއާގެ އިދިކޮޅު ޕާޓީތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަކާލާތުކުރާ ގޮތުގައި މިކަމަކީ އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ހިންދޫ ނެޝަނަލިސްޓް ޕާޓީ، ބީޖޭޕީ އިން ރާވައިގެން ކުރަމުން އަންނަ މިބާވަތުގެ ކަންކަމުގެ ސިލްސިލާގެ ބޮޅެކެވެ. ބޭނުމަކީ ކުރިޔަށް އޮތް ރިޔާސީ އިނތިޚާބުގައި އެޕާޓީއަށް ހުރަހަކަށް ވާނެ ހުރިހާ ފަރާތްތަކެއް ނައްތާލައި، އިދިކޮޅު ބަލިކަށިކުރުމެވެ.
ރާހުލް ގާންދީ އަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ވަނީ 2019 ވަނަ އަހަރު ކެމްޕޭން ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކަފުޅަކާ ބެހޭގޮތުން ކުރި ދައުވާއެއްގެ މައްޗަށެވެ. އެ ޖަލްސާގައި ރާހުލް ވާހަކަފުޅު ދެއްކެވީ އިންޑިއާ ސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަނާ ބެހޭ ގޮތުންނެވެ. ބީޖޭޕީގެ ސަރުކާރާ ގާތް ގުޅުން އޮންނަ ބައެއް މަހުޖަނުންނަށް ކުރެވޭ މަކަރާ ހީލަތުން ފައިސާ ހޯދުމާ ކޮރަޕްޝަނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާންދީ ވަނީ ގިނަ ވަގުންގެ ނަމުގެ ފަހަތަށް މޯދީ އަންނަނީ ކީއްވެތޯ ސުވާލު ކުރައްވައި ޖޯކު ޖައްސަވައިފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަޕޯޓަރުން ކޯޓަށް ހުށަހެޅި މައްސަލައަކީ އެއީ އެވެ. އެ މައްސަލާގައި ބޮޑުވަޒީރު މޯދީގެ އަބުރާ ރާހުލް ގާންދީ ބެހިވަޑައިގެންނެވި ކަމަށް ބަލައި ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ އެވެ. އެއާއެކު ޕާލަމެންޓުގެ ގޮނޑި ގެއްލި ކުރިޔަށްއޮތް އިންތިޚާބުގައި ވާދަކުރުމުގެ މަގު ވެސް ބަންދުވީ އެވެ.
ރާހުލްގެ އިޝާރާތް ކުރެއްވީ އިންޑިއާގެ ޑައިމަންޑް ވިޔަފާރި ވެރިޔާ މަހުޖަން ނިރާވް މޯދީ އާއި އިންޑިއާގެ ކުރީގެ ކްރިކެޓް ބޯޑުގެ އިސް ފަރާތެއް ކަމަށްވާ ލަލިތު މޯދީ އެވެ. މީގެ ތެރެއިން ނިރާވް މޯދީ ވަނީ މަކަރާއި ހީލަތުން އިންޑިއާގެ ބޭންކުތަކުން އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ދަމައިގަތް މައްސަލައެއްގައި ކުށްވެރިވެފަ އެވެ. ނިރާވް މޯދީ މިވަގުތު އުޅެމުން ގެންދަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގަ އެވެ.
އޭނާ އިންޑިއާ ސަރުކާރާ ހަވާލުކުރުމާ ބެހޭ ގޮތުން ލަންޑަނުގެ ކޯޓުގައި މައްސަލަ އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ލަލިތު މޯދީ ވެސް މިވަގުތު ދިރިއުޅެމުން ގެންދަނީ ލަނޑަނުގަ އެވެ. އޭނާގެ މައްޗަށް ވެސް ވަނީ ގަވާއިދާ ޚިލާފަށް ފައިސާ ހޯދައި އެ ފައިސާ ދޮވެ ހެދިކަމުގެ ތުހުމަތުގައި އިންޑިއާގެ ކޯޓުތަކަށް ހާޒިރުކުރަން ބޭނުންވެފަ އެވެ. ލަލިތު ވަނީ އިންޑިއާގެ ކްރިކެޓު ބޯޑުން އުމުރަށް ސަސްޕެންޑު ކޮށްފަ އެވެ.
2019 ވަނަ އަހަރު ރާހުލް ގާންދީ ދެއްކެވި ވާހަކަފުޅު ކޯޓަށް ހުށަހަޅައި މައްސަލަ ޖައްސަން ސަރުކާރުގެ ސަޕޯޓަރުން ނިކުތީ ފަހުގެ ތާރީޚެއްގައި އިންޑިއާގައި ހިންގި ވިޔަފާރީގެ އެންމެ ބޮޑު މަކަރާހީލަތާ ކޮރަޕްޝަނުގެ މައްސަލަ އެއް ބޮޑުވަޒީރު މޯދީގެ ގާތް ރަހުމަތްތެރިޔަކާ މެދު ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަދާނީ ގްރޫޕުގެ ޗެއާމަން ގޯތަމް އަދާނީގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާ ހީލަތުން ފައިސާ ހޯދުމާއި ޓެކުހަށް އޮޅުވައިލުން ފަދަ ކަންތައްތައް ތަހުގީގުކުރުމަށް ރާހޫލް ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އެކަމަށްޓަކައި ޕާލަމެންޓުގެ ކޮމިޓީއަކުން ތަހުގީގެއް ހިންގުމަށް މަސައްކަތް ފެށްޓެވުންވީ ގާންދީ ޕާލަމެންޓުން ބޭރު ކޮށްލުމަށް ބީޖޭޕީ ނިންމި ހިސާބަށެވެ.
މީގެ އިތުރުން އިނގިރޭސި ވިލާތުގައި ވާހަކަފުޅު ދައްކަވަމުން ވެސް އިންޑިއާގެ ޑިމޮކްރެސީގެ މިސްރާބު ހުރި ގޮތާމެދު ސުވާލު އުފައްދަވައި މޯދީގެ ސަރުކާރުން ޚުދު މުޚުތާރުކަން ކުރިޔަށް ނެރެ، އިންސާނީ ހައްގުތަކާ ޚިލާފަށް ގައުމު ހިންގަމުންދާ ކަމަށް ވިދާޅުވުމުން، އެއީ އިންޑިޔާއިން ބޭރުގައި ހުންނަވައި އިންޑިއާގެ އަގު ވައްޓާލުން ކަމަށް ވެސް ބީޖޭޕީން އަންނަނީ ވަކާލާތު ކުރަމުންނެވެ. ބީޖޭޕީގެ އެ ވާހަކައަށް ރައްދު ދީ އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި މޯދީއަކީ އިންޑިއާ މީހެއް ކަމަށް ވިޔަސް އޭނާއަކީ އިންޑިއާ އެއް ނޫނެވެ. އެހެންކަމުން މޯދީއަށް އަމާޒުކޮށް ވާހަކައެއް ދެއްކުމަކީ އިންޑިއާ އާ ދެކޮޅަށް ވާހަކަ ދެއްކުން ކަމަށް ނުވާނެ އެވެ.
ނިއު ދިއްލީގެ މަގުތަކުގައި އިދިކޮޅު ޕާޓީތަކުގެ އެމްޕީން ހިމެނޭހެން ގިނަ ބަޔަކު މުޒާހަރާކޮށް އިންޑިއާގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގައުމުގެ ދަނޑުވެރިން ތިބީ ބިރުވެރިކަމާއި ހާސްކަމެއްގެ ތެރޭގަ އެވެ. ސަރުކާރުން ފާސްކޮށް ހިންގަން ތައްޔާރުވެފައިވާ ގާނޫނެއްގެ ސަބަބުން ގިނަ ދަނޑުވެރިންގެ ހައްގުތައް ގެއްލިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. ދަނޑުވެރިންގެ ހައްގުތައް ހޯއްދަވައިދެއްވުމަށް ވެސް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވަމުން ގެންދެވީ ރާހުލް އެވެ. ދަނޑުވެރިންގެ މައްސަލައިގެ އިތުރުން ޕަންޖާބުގައި ވަކިވެގަންނަން މަސައްކަތް ކުރާ ސިކުންގެ މައްސަލަ ވެސް އޮތީ އިންޑިއާ ސަރުކާރަށް މިވަގުތު ބޮޑު ބުރައަކަށް ވެފަ އެވެ.
ގައުމުގެ ހުރިހާ ކަމެއް ހިންދީން ބޭނުން ގޮތަކަށް އޮންނަން ޖެހޭނެ ކަމަށް ދެކޭ ބީޖޭޕީ ސަރުކާރުން އިންޑިއާގެ ހިންދީން ނޫން ނަސްލުތަކުގެ މީހުނާ މެދު ކަންތައްކުރާ ގޮތުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އެގައުމުގެ ޑިމޮކްރެސީގެ އުސޫލުތައް ގެއްލި ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއްގެ ސިފަ ވަނީ ޖެހިފަ އެވެ. އެކަމާ ދެކޮޅުހަދާ އިދިކޮޅުގެ އަޑު ކަނޑުވާލަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ބީޖޭޕީން އޮތީ ތައްޔާރަށެވެ. ކުރިޔަށް އޮތް އާންމު އިންތިޚާބުގެ ކުރިން އިދިކޮޅުގެ އަޑުކަނޑުވާލަން ސަރުކާރުން ކުރާ މަސައްކަތް ދަނީ ކުރިޔަށެވެ.