އަނޫރާގް ބާސޫ ޑައިރެކްޓްކޮށް ނެރެން ހަމަޖެހިފައިވާ އާޝިގީ 3ގެ ލީޑު ރޯލަށް ކުރީގެ ލޯބިވެރިން ކަމަށްވާ ސާރާ އަލީ ޚާން އާއި ކާތިކް އާރްޔަން ހަމަޖައްސާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާތަކުން މި ހަބަރު ފަތުރާފައި މިވަނީ އާޝިގީ 3ގެ އަންހެން ލީޑު ރޯލުން ފެންނާނެ ތަރިއަކާމެދު ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެ ފިލްމުގެ ފިރިހެން ލީޑް ރޯލަށް ކާތިކް ހަމަޖެހިފައިވާއިރު އޭނާއާއެކު ދެން ފެނިގެންދާނެ ތަރިއެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ހަބަރުތައް ބުނާ ގޮތުގައި އެ ރޯލު ކިއާރާ އަދްވާނީ އާއި ދީޕިކާ ޕަދުކޯން ޖެނިފާ ވިންގެޓަށް ވެސް ހުށައަޅާފައިވެ އެވެ.

މި ފިލްމުގައި ބައިވެރިވުމަށް ސާރާ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ކާތިކްއާއެކު މަސައްކަތް ކުރަން ލޯބި ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކާތިކް އާއި ސާރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތަކެއް މީގެ ކުރިން މީޑިއާގައި ދައުރުވި ނަމަވެސް ދެ ތަރިންކުރެ އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އާޝިގީގެ ފިލްމުތަކަކީ ކާމިޔާބު ތާރީހެއް އޮތް ފިލްމުތަކަކަށްވާއިރު އެ ފްރެންޗައިޒުގެ ކުރިއަށް އޮތް ފިލްމަށް ވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު މަހޭޝް ބަޓް ޑައިރެކްޓްކޮށް ނެރުނު އާޝިގީ އާއި އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރު ނެރުނު އާޝިގީ 2 އަކީ ވެސް ބޮކްސް އޮފީހުގައި ގިނަ ކާމިޔާބީތަކެއް ހޯދި ދެ ފިލްމެވެ.