ޚިޔާލީ ދުނިޔޭގައި ކަންކަން އިސްލާހުކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހުކުރުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާލީ ދުނިޔެއްގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެ ކަންތައް ކަމަށެވެ.

"ހިޔާލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެކަމެއް. ޚިޔާލީ ދުނިޔެ ކޮންމެ މީހަކަށްމެ އިސްލާހުކޮށްލެވިދާނެ. ނަމަވެސް އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ، އިލްމާއި ހިލްމު އެއްކޮށް، އަޒުމާއި، ހިތްވަރާއި، ހިކުމަތު އަމަލީ އެއްކޮށް ކެތްތެރިވެގެން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ބައެއް ވައުދުތައް ހާމަކޮށް ރައްޔިތުންނަށް ކޮށްދޭނެ ބައެއް ކަންކަން ހާމަކޮށް ތާއީދު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިމްރާންގެ އަދާލަތަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާއެކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމާފައިވާ ޕާޓީއެކެވެ.

އިމްރާން މިފަހަށް އައިސް ކުރައްވާ ޓުވީޓްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. މިއަދު ކުރެއްވި ޓްވީޓަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.