ނިއުދިއްލީ (01 ޖެނުއަރީ 2021) - ކޮވިޑް ރޯގާއަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިން އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) އިން އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާރު މަސައްކަތްކުރަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުމާއެކު އަންނަ ހަފްތާގެ ބުދަދުވަހު ވެކްސިން ޖަހަން ފެށޭނެ ވަރަށް އިންތިޒާމްތައް ހަމަޖެއްސުމަށެވެ. މި ހުއްދަ އާއެކު އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރަން ހުއްދަ ލިބުނު ތިންވަނަ ގައުމަށް އިންޑިއާ ވެގެންދާނެ އެވެ. އިނގިރޭސިވިލާތް އަދި އާޖެންޓީނާއިން ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފަ އެވެ.

ސީޑީއެސްއޯސީ އިން ދަނީ ފައިޒާ އަދި ބަޔޯއެއް ޓެކުން އުފައްދާ ވެކްސިންގެ އިތުރުން އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިނަށް ވެސް އިމަޖެންސީ ހުއްދަ ދިނުމަށް މަޝްވަރާކުރަމުންނެވެ.

އަސްޓްރާޒެނެކާ ވެކްސިނަކީ މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އުފުލަން އެންމެ ފަސޭހަ އަދި އަގު ވެސް ހެޔޮ ވެކްސިނެވެ. މި ވެކްސިން އާދައިގެ ރެފްރިޖެރޭޓަރުގައި ވެސް ރައްކާކޮށްގެން ގެންގުޅެވެ އެވެ. މިކަމުގެ ސަބަބުން ފައިޒާ ވެކްސިން ރައްކާކޮށް އުފުލަން ބޭނުންވާ ފަދަ ވަސީލަތްތައް ނުލިބޭ ކުދި އަދި މެދު ފަންތީގެ ގައުމުތަކަށް މިވެކްސިނަކީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.

އެސްޓްރާޒެނެކާ ވެކްސިން އުފައްދަނީ ދުނިޔޭގައި ވެސް އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި އިންޑިއާގެ ސިރަމް އިންސްޓިޓުންނެވެ. އިންޑިއާ ސަރުކާރުން ވެކްސިން ގަތުމަށް އެ ކުންފުންޏާއެކު އެއްބަސްވުމެއް ހެދިފައި ނެތް ނަމަވެސް އެ ކުންފުނިން ބުނިގޮތުގައި ވެކްސިން ދިނުމުގައި އިންޑިއާ އަދި މިސަރަހައްދުގެ ގައުމުތަކަށް އިސްކަންދޭނެ އެވެ.

އިންޑިއާއިން ވަނީ 10 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އެމެރިކާ ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ކޮވިޑް ޖެހިފައި ވަނީ އިންޑިއާ މީހުންނަށެވެ.

އިންޑިއާއިން އުންމީދު ކުރަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ނުވަތަ 8 މަސް ތެރޭގައި އެގައުމުގެ 1.35 ބިލިއަން އާބާދީގެ ތެރެއިން 300 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށެވެ. -- ސްޓްރެއިޓް ޓައިމްސް