ތެހެރާން (01 ޖެނުއަރީ 2021) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ނިމެން ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސަރުކާރުގެ ފަހު ދުވަސްތަކުގައި އީރާނަށް ނުވަތަ އިރާންގެ ސަރަހައްދީ ބާރުތަކަށް އެމެރިކާއިން ހަމަލާދޭންއުޅޭ ކަމަށް އިރާނުން ތުހުމަތުކޮށްފި އެވެ.

ރައީސް ޑޮނާލްޓް ޓްރަމްޕްގެ ފަހު ދުވަސްތަކުގައި ހަމަލާއެއް ދިނުން ވަރަށް ގާތްކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

މީގެ އަހަރެއް ކުރިން އީރާންގެ ސަލާމަތީ ބާރުތަކުގެ ވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ ބައްދާދުގެ ވައިގެ ބަނދަރުން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް އެމެރިކާއިން ދިން ހަމަލާއެއްގައި އަވަހާރަވެފަ އެވެ. އެމެރިކާއިން ލަފާކުރާ ގޮތުގައި ސުލައިމާނީ އަވަހާރަކޮލިތާ އަހަރެއް ފުރުމާ ދިމާކޮށް އިރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް ދީފާނެ އެވެ. ފާއިތުވި ހަފުތާގައި އިރާގުގެ ގްރީން ޒޯންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވެސް ވަނީ ރޮކެޓް ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނިގޮތުގައި އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާއަކަށް ތައްޔާރު ވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އެމެރިކާގެ އެންމެ ރައްޔިތަކު ވެސް މަރުވެއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ އީރާނުން ނަގަން ޖެހޭނެ ކަމަށާއި އަދި އެކަމުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެ އިރާނަށް އިންޒާރުކުރައްވައި ޓްވީޓްކުރައްވައިފަ އެވެ.

ބިރުދެއްކުމުގެ އެމެރިކާގެ ބީ-52 ގެ ބޮންއަޅާ ދެ ބޯޓް މެދުއިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާކަމަށް ވިދާޅުވެ، އިރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފު ވަނީ އިރާނުން ހަނގުރާމަ ކުރުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އީރާންގެ ރައްޔިތުންނާއި އީރާންގެ ސަލާމަތަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުގެ ގާބިލްކަން އީރާނަށް ލިބިގެންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖަވާދު ވިދާޅުވީ ކޮވިޑް ވައިރަސްގެ ހާލަތު ރަނގަޅުކުރުމަށް ހަރަދުކުރުމުގެ ބަދަލުގައި ޓްރަމްޕް ސަރުކާރުން އުޅެނީ ބިލިއަނުން ހަރަދުކޮށް ބީ-52 ބޮންއަޅާ ބޯޓް އެސަރަހައްދަށް ފޮނުވަން ކަމަށެވެ.

އީރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއިގެ އެޑްވައިޒަރު ހުސައިން ދެގާން ވިދާޅުވި ގޮތުގައި މެދުއިރުމަތީ ގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ ބޭސްތަކަށް ވެސް އީރާންގެ މިސައިލް ފޯރާނެ އެވެ. އެހެންކަމުން އާ އަހަރަކީ އެމެރިކާ މީހުންނަށް ހިތްދަތި އަހަރަކަށް ނުހެދުމަށް ޓްރަމްޕަށް އިލްތިމާސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ސުލައިމާނީ އަވަހާރަކޮށްލުމާއެކު އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އިރާންގެ ރިވޮލިއުޝަނަރީ ގާޑްގެ އެންމެ އިސް ކޮމާންޑަރު ވެސް ވަނީ އެމެރިކާއަށް އިންޒާރުދީފަ އެވެ.

ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ބާރަކާއި ދެކޮޅަށް ނިކުންނަށް އިރާނުން ފަހެއް ނުޖެހޭނެ އެވެ. – ގާޑިއަން