ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރި ދީޕިކާ ޕާޑުކޯން މިއަދު ވަނީ އޭނާގެ ފޭނުންނަށް ހެޔޮވަރުގެ ސަޕްރައިޒެއް ދީފަ އެވެ.
ވީނުވީއެއް ނޭނގި އޭނާގެ އިންސްޓަގްރާމާއި ޓުވިޓާގައި ހުރި ހުރިހާ ފޮޓޯއެއް ޑިލީޓް ކުރުމުން ފޭނުން ކަންބޮޑުވެ އޭނާ ގާތުން އެނބުރި އައުމަށް ބުނަމުންދިޔަ އެވެ.
މިވާ ގޮތެއް ނޭނގި އެންމެން ތިއްބާ އަހަރުގެ ފުރަތަމަ ޕޯސްޓުގެ ގޮތުގައި ދީޕިކާ ހިއްސާކޮށްފައި ވަނީ އޯޑިއޯ ޑައިރީ އެކެވެ. އެ އޯޑިއޯގައި ދީޕިކާ ވާހަކަ ދައްކަނީ މި ނިމިދިޔަ 2020 ވަނަ އަހަރުގެ ތަޖުރިބާތަކާ ބެހޭ ގޮތުންނެވެ.
އޯޑިއޯ މެސެޖް ފަށަމުން ދީޕިކާ ވަނީ އާ އަހަރުގެ ތަހުނިޔާ އާއި އެކު އެންމެ ޝުކުރުވެރިވަނީ ކޮންކަމަކާ ގުޅޭ ގޮތުން ތޯ ސުވާލުކޮށްފަ އެވެ.
ކުޑައިރުކޮޅަކަށް ސޯޝަލް މީޑިއާ އިން ގެއްލުމަށްފަހު އެނބުރި އައުމުން ބައެއް ފަރާތްތަކުން އުފާފާޅުކޮށްފައި ވާ އިރު އެ އޯޑިއޯގައި 2020 ވަނަ އަހަރުގެ ބައެއް ވާހަކަތައް ހިއްސާކޮށްފައި ހުރުމުން ބައެއް މީހުން ވަނީ މިއަހަރުގެ ބޮލީވުޑްގެ ބޮޑު ޑްރަގް މައްސަލަގަނޑުގެ ތެރޭގައި ދީޕިކާގެ ނަން ތިލަވެފައިވާތީ އެކަމާ މަލާމާތް ވެސް ކޮށްފަ އެވެ.
ދީޕިކާ މިހާރު ދަނީ ރަންތަމްބޯރުގައި ފިރިމީހާ ރަންވީރް ސިންގް އަދި ގާތް ރަހުމަތްތެރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއި އެކު އާ އަހަރު ފެށުން ފާހަގަކުރަމުންނެވެ.