މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ކޮވިޑްގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގެ އެންމެ ފަހުގެ އަދަދުގައި ބުނެފި އެވެ.
މިއަދު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، އެކްސްޕެންޑިން އޮޕޮޗުނިޓީސް: ޓުވާޑްސް އިންކްލޫސިވް ގްރޯތު ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން، 2023 ވަނަ އަހަރު ދެކުނު އޭޝިއާގެ ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތައަށް އަރާނެ އެވެ. މިއީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އަންދާޒާއަށް ވުރެ ކުޑަ ތަންކޮޅެއް ދަށް މިންވަރެކެވެ. 2021 ވަނަ އަހަރު، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު 8.2 އިންސައްތައިގައި އިގްތިސާދު އިއާދަވުމަށް ފަހު، 2024 ވަނަ އަހަރު މި ސަރަހައްދުގެ އިގްތިސާދީ ދުވެލި 5.9 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ.
ސަރަހައްދީ ރިޕޯޓާ އެކު މިއަދު ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، އޭގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން އަދި އަމިއްލަ ފަރާތްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމެވެ. މި އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.6 އިންސައްތައިގަ އެވެ. އެހެން ނަމަވެސް، ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކުކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި، ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ނާޒުކު ދުނިޔޭގެ ހާލަތު ހިމެނެ އެވެ.
މި އަހަރު އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ރޭޓްތައް ބޮޑުވުމެވެ. ތެލާއި ކާބޯތަކެތީގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދިން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޭގެ އަސަރު އަދިވެސް ގޭބިސީތަކަށް ކުރާނެ އެވެ. ނަމަވެސް، ތެލުގެ އަގު ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭތީ، މެދުރާސްތާގައި އިންފްލޭޝަން 2.5 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.
އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވާނެ ކަމަށް ބެލެވެ އެވެ. ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ކުރިއަށް އޮތް އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭނުން ބުންޏެވެ.
ވޯލްޑް ބޭންކުން ބުނީ އިގްތިސާދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދުކުރެވޭނެ ނިޒާމެއް ބޭނުންވާ ކަމަށެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އެޅުމަށް ފަހު އިތުރު ކަންކަމާ މެދު ވިސްނަމުން ދިޔަޔަސް، މިއީ މާނަ ހުރި ގޮތެއްގައި މާލީ ރައްކާތެރިކަން ހޯދުމަށް ފުދޭ ވަރުގެ މަސައްކަތްތަކަކަށް ނުވެދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ކުރިއެރުމުގެ ސިޔާސަތުގެ ވަރަށް ބޮޑު މަގްސަދަކަށް ހެދުމުގެ މުހިންމުކަން ބޮޑެވެ. އިގްތިސާދީ ހަރަކާތްތަކުގައި ސަރުކާރުގެ ދައުރު ބޮޑުވުން، ހާއްސަކޮށް ފަތުރުވެރިކަން ނޫން އިގްތިސާދީ ދާއިރާތަކުގެ ބޮޑު ބައެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެކެވެ.
"ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް އިތުރަށް ފުޅާވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އޮތް ހިތްވަރެއް،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް، މާލީ ނިޒާމަށް ވަރަށް ބޮޑު އިސްލާހީ ބަދަލެއް ބޭނުންވޭ. ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ފެށުމެއް އަދި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް މަގު ފަހިކޮށްދޭން ޖެހޭ ކަމެއް. ރާއްޖޭގެ ދަރަންޏާއި މާލިއްޔަތު ހަމައަކަށް އެޅުވުމަށް ހަރަދު ކުޑަކުރުމާއި ހަރަދުތައް ކުރެވޭ ގޮތް އިސްލާހުކުރުން އަދި އާމްދަނީ އިތުރުކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް."
އަސާސީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ސާނަވީ އަދި މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާއި، "ފުރުސަތުތައް މަދުން ލިބޭ ފަރާތްތަކަށް" އަމާޒުކޮށްގެން ސިޔާސަތުތައް ދެނެގަނެ، ހަރުދަނާ ކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަޒީފާގެ ފުރުސަތުތަކުގެ ބޮޑު ބައެއް ހިއްސާކުރާ ސިޔާސަތުތައް ވަރުގަދަ ކުރުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ. މީގެ އިތުރުން، ވަޒީފާ އަދާކުރުމަށް އެއް ތަނުން އަނެއް ތަނަށް ދިއުމަށް ހުރި ހުރަސްތައް މަދުކުރުމަކީ އިޖުތިމާއީ ރޮނގުން ހަމަހަމަކަމަށް އިތުރު ފުރުސަތުތައް ހުޅުވޭނެ ކަމަކެވެ.