މަޝްހޫރު އެކްޓަރު ސަލްމާން ޚާން ލީޑް ރޯލުން ފެނިގެންދިޔަ "މައިނޭ ޕިޔާރް ކިޔާ" އަކީ ހިންދީ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ "މައިނޭ ޕިޔާރް ކިޔާ" އަކީ ރީތި ލަވަތަކެއް ހިމެނިގެންދިޔަ ފިލްމެކެވެ. އަދިވެސް ގިނަ ބަޔަކު އެފިލްމެއް ބަލާ ފޫހިނުވާ ފިލްމެކެވެ. ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރުގެ ކާމިޔާބު މި ފިލުމަކީ ބަތަލާ ބަގްޔާޝްރީ ފިލްމީ ދާއިރާއަށް ތައާރަފުވި ފިލުމެވެ.

މި ފިލުމުގައި ބަގްޔާޝްރީގެ އެކްޓިންނަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު ސަލްމާނާއެކު ޝޫޓް ކުރަމުން ދަނިކޮށް މިފިލުމުގެ ސެޓްގައި ރޮވުނުކަން އެނގޭ ހެއްޔެވެ؟ އާދެ، ތިޔަ އަޑުއެހީ ރަނގަޅަށް! ފެންނަ ފެނުމުގައި ބަގްޔާޝްރީ އަކީ ފިލްމުގައި އޭނާގެ ކެރެކްޓަރު ފަދައިން ހަގީގީ ދިރިއުޅުމުގައި ވެސް ފުދޭވަރަކަށް ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ފަރާތެކެވެ.

މަޝްހޫރު ލަވަ ‘ކަބޫތާރު ޖާ ޖާ’ ގެ ޝޫޓިން އަށް ފަހު، ބަގްޔާޝްރީ އާއި ސަލްމާން ބައްދާލަން ޖެހޭ މަންޒަރެއް ފެނިގެން ދިޔަ އެވެ. އެ މަންޒަރަށް ޝޫޓް ކުރަމުން ދަނިކޮށް ސަލްމާން ބަގްޔާޝްރީގައި ބައްދާލުމުން އޭނާ ބިރުގަތެވެ. މަންޒަރު އޯކޭ ވުމަށްފަހު ރޮވެން ފެށުމުން ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ކަންބޮޑުވެފައި ހުއްޓެވެ.

އިރުކޮޅަކުން ބަގްޔާޝްރީ ތަންކޮޅެއް އާދައިގެ ގޮތަކަށް ވުމުން ސޫރާޖް އޭނާ ދެރަވީ ކީއްވެތޯ ސުވާލުކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަގްޔާޝްރީ ބުނީ ދުވަހަކުވެސް މިގޮތަށް ބީރައްޓެހި މީހެއްގެ ގައިގައި ބައްދާލާފައި ނުވާތީ އޭނާ ކަންބޮޑުވި ކަމަށެވެ. ފަހުން ފިލްމު އުފެއްދި ފަރާތުން ވަނީ ލީޑިން ލޭޑީއަށް ފަސޭހަވާނެ ގޮތަށް މަންޒަރު އަލުން ޝޫޓް ކުރުމަށް ނިންމައިފަ އެވެ.