މާލޭގެ ޒިކުރާ މިސްކިތުގެ ބަދަލުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް ސަރުކާރާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އަޅަން ފެށި މިސްކިތުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނިކޮށް، އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރި ލަގްޒަރީ ފްލެޓްތައް ވިއްކުމުގެ މަސައްކަތް އިއުލާންކޮށްފި އެވެ.
ޒިކުރާ މިސްކިތް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 30 މިލިއަން ރުފިޔާދިން ނަމަވެސް އެއްވެސް މަސައްކަތެއް އެސްޖޭއިން ނުކުރެ އެވެ.
އެސްޖޭ އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "އެސްޖޭ ދިހެރެޔާ ރެސިޑެންސް" ގެ ފްލެޓްތައް ވިއްކުމަށް ހުޅުވާލާފައިވަނީ މަދުވެގެން 3.6 މިލިއަން ރުފިޔާގެ މަގުންނެވެ. ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން އިމާރާތްކުރަން ފެށި މިސްކިތުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ ފާޑުކިޔުންތައް އަމާޒުވާތީ އެކި ފަހަރު މަތިން އެކި ބަހަނާތައް އެ ކުންފުނިން އަންނަނީ ދައްކަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކުންފުންޏާ ހަވާލުކުރި އެވެ. އެ މަސައްކަތަށް އިކުއިޓީގެ ގޮތުގައި ސަރުކާރުން އެސްޖޭއަށް 30 މިލިއަން ރުފިޔާ ދިން ނަމަވެސް، ވެރިކަން ބަދަލުވިއިރުވެސް އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.
ޖެހިގެން އައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފައިސާ އަނބުރާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، ސަރުކާރާއި އެސްޖޭ ކުންފުންޏާ ދެމެދު ކޯޓުން ބޭރުގައި މަޝްވަރާކޮށް، އެ މައްސަލަ ހައްލުކުރުމަށްފަހު ދައުވާ އަނބުރާ ނެގި އެވެ.
އެ މައްސަލަ ހައްލުކުރީ 30 މިލިއަން ރުފިޔާ ސަރުކާރަށް އަނބުރާ ދިނުމުގެ ބަދަލުގައި، އެ ފައިސާ ހަރަދުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 3,000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެއްބަސްވެގެންނެވެ. އެގޮތުން 23 ޖެނުއަރީ 2022 ގައި އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ރަސްމީ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން 30 މިލިއަން ރުފިޔާއަށްވުރެ އިތުރަށް މިސްކިތް އިމާރާތްކުރުމަށް ހިންގާ ހަރަދުތައް ހަމަޖެއްސުމަށް ނިންމާފައިވަނީ އެސްޖޭގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަލާހުއްދީން ސްކޫލް ކައިރީގައި އިމާރާތްކުރާ އެ މިސްކިތުގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ، އެސްޖޭ ކުންފުންޏަށް ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެ ކުންފުނި ބަދުނާމުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ.
މިސްކިތުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އަގުބޮޑު ލަގްޒަރީ ފްލެޓްތަކެއް އަޅައި ނިންމުމަށްފަހު ވިއްކަން އިއުލާންކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މިސްކިތުގެ އަމަލީ މަސައްކަތް މަޑުޖެހިފައިވާ ސައިޓް، އެސްޖޭ އިން ބޭނުންކުރީ އެ ކުންފނީގެ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ.
މީގެއިތުރުން، އެސްޖޭ ކުންފުންޏަށް މިހާރު ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއްވެސް ހަވާލުކުރެވިފައިވެ އެވެ. އެކަމަކު މިސްކިތެއް ނޭގުޅެވެ.
ފްލެޓް ހުސްކުރަން އެފްޑީސީން އެންގުމުން ކުލި ދައްކަން ފަށައިފި
ޑްރަގް އޮޕަރޭޝަނެއްގައި ރަސްދޫއިން 9 މީހުން ބަންދުކޮށްފި
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ
