އިންޑިއާގެ ސައުތު އިންޑިއަންގެ ފިލްމް އިންޓަސްޓްރީގައި މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ އަކީ އެ މީހެއްގެ މޫނުމަތިން ހިނިތުންވުން އަބަދުހެން ފެންނަ އެއް ތަރިއެކެވެ.

ހަމައެހެންމެ ރަޝްމިކާގެ ރީތި ހިނިތުންވުމަކީ ގިނަ ބަޔަކު އެ ހިނިތުންވުމެއްގެ ސަބަބުން އޭނާއަށް ލޯބިކުރާ އެއް ސިއްރެވެ. އެހެނަސް އެ ހިނިތުންވުމުގެ ފަހަތުގައި ހިތާމަތަކެއްވާ ކަމަށް ވެސް ރަޝްމިކާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، އަބަދު އުފަލުން، ހިނިތުންވެ ހުރެވެނީ ކިހިނެއްތޯ ރިޕޯޓަރަކު ވަނީ އޭނާ ގާތު ސުވާލުކޮށްފަ އެވެ. މި ސުވާލަށް ރަޝްމިކާ ޖަވާބުދީފައިވާއިރު، އޭނާ ބުނީ، ހިނިތުންވެެގެން ހުރުމަކީ އޭނާ އަބަދުވެސް ލޯބި ކުރާ ކަމެއް ކަމަށެވެ.

އާންމުންގެ ކުރިމަތީގައި ހިނިތުންވެގެން ހުރި ނަމަވެސް ބައެއް ފަހަރުތަކުގައި، ހިތްދަތިކަން އިހުސާސް ކުރެވިފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ރަޝްމިކާ ބުނިގޮތުގައި އޭނާގެ ހަޔާތުގައި ވަރަށް ގިނަ ފަހަރު، ހިތްދަތިކަން އިހުސާސް ކުރެވުނު ނަމަވެސް ހިނިތުންވެގެން ހުރެފައިވެ އެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، އާންމުންނާއި ފޭނުން އޭނާ ދެކެވާ ލޯތްބެވެ. އަދި އެ ލޯތްބަށްޓަކައި، އާންމުންގެ ކުރިމަތީގައި އަބަދުވެސް ހިނިތުންވެގެން ހުރި މޫނެއް ދައްކަން އޭނާ މަޖުބޫރުވާ ކަމަށް ރަޝްމިކާ ބުނެފައިވެ އެވެ.

ރަޝްމިކާ ވަނީ އޭނާދެކެ ލޯބިވާ މީހުންގެ އިތުރުން ރުޅިއަންނަ މީހުން ވެސް މަދު ނޫން ކަމަށް ބުނެފަ އެވެ. މަޝްހޫރުކަން ލިބި ގިނަ ބައެެއްގެ ލޯބި ލިބޭ ބަޔަކަށް މީހުންގެ ނަފްރަތު ވެސް ލިބޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހިތަށް ތަކުލީފު ލިބުނަސް، އެކަން ހާމަކުރަން ބޭނުން ނުވާ ކަމަށް ރަޝްމިކާ ބުނެފައިވެ އެވެ.