މަޝްހޫރު ބޮލީވުޑް ތަރި ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު، "ކިސީ ކާ ބައި. ކިސީ ކާ ޖާން" މިމަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ފިލްމުގެ ޕްރޮޑަކްޝަނުން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި ފިލްމުގެ ޓްރެއިލަ މިމަހުގެ 10 ވަނަ ދުވަހު ދައްކާލާނެ އެވެ. އަދި މިކަމަށްޓަކައި ފިލްމުގެ ޕްރޮޑަކްޝަނުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ނިމިފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.

ފަރްހާން ސަމްޖީ ޑައިރެކްޓްކުރާ އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ޕޫޖާ ހެގްޅޭ، ޝެހެނާޒް ގިލް (ސަނާ)، ރާގަވް ޖުޔަލް، ޖައްސީ ގިލް، ޖަނަޕަތީ ބާބޫ، ސިދާތު ނިގާމް، މަލްވިކާ ޝަރުމާ އަދި ޕަލަކް ތިވާރީ މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން މި ފިލްމުގެ ހާއްސަ ފެނިލުމަކުން މިދިޔަ އަހަރު ރިލީޒްކުރި "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަން ވެސް ފެންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާލާއިރު ސަލްމާނާއި ކެޓްރީނާ ކައިފް އާއި އިމްރާން ހާޝްމީ ފެނިގެންދާ "ޓައިގާ 3" މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.