މަޝްހޫރު ބޮލީވުޑް ތަރި އާމިރު ޚާން އަކީ އިންޑިއާގެ ފިލްމީ އުދަރެހުގައި އެންމެ ގަދައަށް ވިދާލި އެއް ފަންނާނުންގެ ތެރެއިން އެކަކެވެ. ހަމައެހެންމެ އާމިރު ޚާންއޭ ބުނުމުން އޭނާ ނުދަންނަ މީހަކުވެސް މަދުވާނެ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީ، އާންމުންގެ ލޯބި، އާމިރު ހޯދާފައިވާއިރު، އޭނާއާ ގުޅޭ އެކި ކަންކަމަކީ ފޭނުން ބަލައި ހޯދަން ބޭނުންވާ މައުލޫމާތުތަކެވެ. އޭގެ ތެރޭގައި އޭނާގެ ކިބައިގައި ހިމެނޭ ގޯސް އާދަތައްވެސް ހިމެނެ އެވެ.

ބޮލީވުޑްގައި އާމިރުއަށް ލަގަބެއްގެ ގޮތުގައި ދެވިފައިވަނީ 'މިސްޓާ ޕާފެކްޓު'ގެ ނަމުންނެވެ. އެއީ އޭނާގެ އުޅުމާއި ސުލޫކުގެ މައްޗަށް ބިނާކޮށް އާންމުން ދީފައިވާ ނަމެކެވެ. އާމިރުގެ ކިބައިގައި ފުރިހަމަ ނޫން ބައެއް ކަންކަން ހުންނަކަމީ، ގިނަ ބަޔަކަށް އެނގިފައި ނުވާ ހަގީގަތެކެވެ.

އެގޮތުން އެއް ކަމަކީ، އާމިރުގެ ކިބައިގައި ދެވި ހިފާފައިވާ ނުބައި އާދައެކެވެ. މީހުންނަށް ޖެއްސުން ކުރުމުގެ އާދަ އެވެ.

އިންޑިއާގެ އެކި ނޫސްތަކުން ބުނާގޮތުގައި އާމިރާ އެކު މަސައްކަތް ކޮށްފައިވާ ގިނަ ތަރިން އެކަމާއި ޝަކުވާވެސް ކުރެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި މާދުރީ ދިކްޝިތްވެސް ހިމެނެ އެވެ. އެގޮތުން މާދުރީ ޝަކުވާކޮށްފައިވަނީ، ޖެއްސުން ކުރުމުގެ ގޮތުން ފިލްމެއްގެ ޝޫޓިންގެ ތެރެއިން އާމިރު، މާދުރީގެ އަތަށް ކުޅު ޖެހުމުންނެވެ.

މާދުރީ ކިޔައިދިން ގޮތުގައި އާމިރަކީ ފާލަބަލައި، އަތް ބެލުމުގެ މާހިރެއް ކަމަށް މީހަކު އޭނާގާތު ބުންޏެވެ. އަދި މާދުރީވެސް އާމިރުގެ ގާތަށް އަތް ބެލުމަށްޓަަކައި ދިޔަ އެވެ. ނަމަވެސް އަތް ބަލާކަމަށް ހަދާފައި، މާދުރީގެ އަތަށް ކުޅު ޖެހުމަށްފަހު އާމިރު ދުވެ ފިލީކަމަށް މާދުރީ ކިޔައިދިނެވެ.

އާމިރާ އެކު މާދުރީ ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި އާންމުންނަށް އެެދެތަރިންގެ ޖޯޑު ވަރަށް ކަމުގޮސްފައިވެ އެވެ.