ޔޫކްރެއިންގެ ސަރުކާރުން ފުރަތަމަ ފަހަރަށް އެގައުމުގެ މުސްލިމް އާބާދީއަށް އަމާޒުކޮށްގެން ރޯދަ ވީއްލުމެއް އިންތިޒާމުކޮށް ބާއްވައިފި އެވެ.
ވެރިރަށް ކީވްގެ ކްރިމިއާ ނަމަކަށް ކިޔާ ސަރަހައްދުގެ މިސްކިތެއްގައި އޮތް އެ ރޯދަ ވީއްލުމުގައި އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އިތުރުން ސަރުކާރުންގެ އިސްވެރިންނާއި މުސްލިމް ސިފައިން އަދި އާއްމު ރައްޔިތުން ވެސް ބައިވެރިވެފައިވެ އެވެ.
މި ރޯދަ ވީއްލުމުގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މިއީ އާ ސަގާފަތެއްގެ ފެށުން ކަމަށާއި ޔޫކްރެއިންއަކީ ހުރިހާ ދީނަކަށް ވެސް އިހުތިރާމްކުރާ ގައުމެއް ކަމަށެވެ.
ޒެލެންސްކީ އިތުރަށް ވަނީ ރަމަޟާން މަހުގެ މާތް މައްސަރުގައި ރޯދައަށް ތިބެ އެގައުމުގެ މުސްލިމް ސިފައިން ކުރަމުންދާ ހިތްވަރު ފާހަގަކޮށް ސާބަސް ދެއްވާފަ އެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިތާ އަހަރަށް ވުރެ ގިނަވިއިރު، އެ ގައުމުގެ ސިފައިން އަންނަނީ މެދުކެނޑުމެއް ނެތި ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވަމުންނެވެ.
އެގޮތުން އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ރޯދަ މަހު ރޯދައަށް ތިބެ ހަނގުރާމައިގައި ބައިވެރިވަމުން އަންނަކަން ފާހަގަ ކުރަން ޖެހެ އެވެ.
ރަޝިއާގެ މަގްސަދުތަކުގައި އެގައުމު ކާމިޔާބު ވިޔަ ނުދޭނެ ކަމަށް ބުނަމުން ޒެލެންސްކީ ވަނީ ސިފައިންނާއި އާއްމުންނަށް ހިތްވަރުގެ ބަސްތަކެއް ވެސް ދެއްވާފަ އެވެ.
ރޯދަ ވީއްލުމާއެކު ދެން އޮތީ އަސްކަރިއްޔާގައި ފާހަގަ ކޮށްލެވޭ ސިފައިންނަށް ހާއްސަ އެވޯޑުތަކެއް ދިނުމެވެ. އޭގެ ތެރެއިން ގިނަ އެވޯޑުތައް މުސްލިމް ސިފައިންނަށް ވެސް ދީފައިވެ އެވެ.