ސަފާރީއެއްގައި ކެންޔާއަށް ނިސްބަތްވާ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިމީހާ، އަބްދުﷲ ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ހުޅުމާލޭ ކޯޓުގައި ހިނގަމުންދާތާ ދެ އަހަރު ވެފައިވަނިކޮށް މައްސަލަ ބޭރުކޮށްލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މައްސަލަ ބޭރުކޮށްލި ސަބަބެއް ކަމަށް ކޯޓުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ވަރަށް ހެކި ނެތުމެވެ. މި މައްސަލަ އިތުރު ހެކިތަކާ އެކު އަލުން ހުށަހަޅާނީތޯ ނުވަތަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނީތޯ އަދި ޕީޖީން ނިންމާފައެއް ނުވެ އެވެ.
ސަފާރީ ރޭޕްކޭސްގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ދައުވާކޮށްދޭން އެދި ޕީޖީއަށް އޮފީހަށް ފޮނުވީ ތިން މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ޖީހާންގެ ފިރިކަލުން، އަބްދުﷲ ޝާން، ނޫރަންގޭ/ލ. ގަމު ތުނޑި، ހިމެނޭ ޕީޖީން ޝާންގެ މައްޗަށް ތިން ދައުވާއެއް އުފުލި އިރު، ދެން ތިބި ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުވާއުފުލާފައެއް ނުވެ އެވެ.
ކެންޔާ އަންހެންމީހާގެ ރޭޕް ކޭސްއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވިވަޑައިގަތުމުން އޭނާ ވެސް ހީކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށާއި މައްސަލަ ރަނގަޅަށް ބަލައި ސާފުކުރުމުން ސަފާރީގައި ހިނގާފައިވަނީ އާއްމު ތަނެއްގައި ހުރެފައި ވެސް ކޮށްލެވޭ ވަރުގެ ކަމެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ.