އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރީ އެ މަރުކަޒުގެ އިސްވެރިޔާ އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު އެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.
މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި އެމްއޯޔޫގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސަވައިލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގެ ހާއްސަ ލަފައާއި އިރުޝާދާއި އެކު، އެމްޑަބްލިއުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިޔަށްގެންދާ މަސައްކަތްތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރައްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަޤާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިޔުއެސްސީން ދެކެ އެވެ.
"އާސާރީ ތަރިކަ ހިމާޔަތްކުރުމާއި އެތަންތަން ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ މިފަދަ ފުރުސަތެއް، އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ މިކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް. އަދި މިއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މި ކުންފުނިންން ދެކެން. އެމްޑަބްލިއުއެސްސީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.