މި ދުވަސްވަރު ކޮވިޑް ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުމަށް ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށާއި ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު، މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. ވަކިން ޚާއްސަކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް، ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދައި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ، ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކުއެޅުމުގެ އިތުރުން އާއްމު ތަންތަނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މިދިޔަ ހަފުތާގައި ކޮވިޑުގެ 84 ކޭސް ވަނީ ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން 73 ކޭސް އާއި އެހެން ސަރަހައްދުތަކުން 11 ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ކުރީ ހަފުތާގައި ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 39 ކޭސް އެވެ.

އެންމެ ފަހުން ކޮވިޑް ކޭސްތައް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.