ދާދި ފަހުން އަނިލް ކަޕޫރު ވަނީ ކަރީނާ ކަޕޫރު ހާން ހުށަހަޅައިދޭ ރޭޑިއޯ ޗެޓް ޝޯއެއްގައި ބައިވެރިވެފަ އެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ކަރީނާ ވަނީ ބޮލީވުޑްގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮންނަ އާމްދަނީގެ ފަރަގާގުޅޭ ގޮތުން އަނިލްއާ ސުވާލުކޮށްފަ އެވެ.

އަނިލްގެ ޖަވާބުން ކަރީނާގެ ބަސް ހުއްޓުނެވެ.

"ވަޓް ވިމެން ވޯންޓްސް" ގެ ނަމުގައި ކަރީނާ ހުށައަޅާ ޝޯގައި އޭނާ ކުރި ސުވާލަކީ ހޮލީވުޑްގައި ފިރިހެން ތަރިން ފިލްމަކަށް އެއްބަސްވަނީ އަންހެން ތަރިއަށް ވެސް އޭނާއާ އެއްވަރަށް ފައިސާ ލިބެންޏާ އެކަނި ކަމަށާއި ބޮލީވުޑުގައި އެފަދައިން ކަންތައް ނުވާންވީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.

މި ސުވާލަށް ޖަވާބުދެމުން އަނިލް ބުނެފައިވަނީ "ކަރީނާވެސް އަހަރެން އަތުން ބައިވަރު ފައިސާ ނެގި،" މިހެންނެވެ. މި ޖަވާބުން ކަރީނާ އަށް ކުއްލި ސިހުމެއް ލިބުނެވެ.

އަނިލް ވަނީ ފަހުން އެކަން ހިނގާދިޔަ ގޮތް ކިޔާދީފަ އެވެ. އެގޮތުން "ވީރޭ ދި ވެޑިން" ފިލްމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ޕްރޮޑިއުސަރުން އަނިލްއަށް ގުޅާފައި ބުނީ ހީރޯއަށް ވުރެ ގިނަ ފައިސާދޭން ކަރީނާ އެދިފައިވާ ކަމަށެވެ.

ފަސްޖެހުމެއް ނެތި އަނިލް ބުނީ އެ ފައިސާ ކަރީނާއަށް ދިނުމަށް އޭނާ އެންގި ކަމަށެވެ.

"އަހަރެން ބުނިން ބޭބޯ (ކަރީނާ) ބޭނުންވާ އެއްޗެއް ވިއްޔާ އެ އެއްޗެއް ދޭން،" އަނިލް ބުންޏެވެ.

"ބައިވަރު ފިލްމު ކުޅެފައި ހުންނާނެ އަހަންނަށް ވުރެ ގިނައިން އަންހެން ތަރިއަށް ފައިސާ ލިބުނު. އެކަމަކު އަހަރެން އެ ފިލްމުތައް ކުޅުނީ ވަރަށް އުފަލުން،" އަނިލް އިތުރަށް ބުނެފައިވެ އެވެ.