ފެނަކަ ކޯޕަރޭޝަނުން އެހެން ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފައިސާގެ ކަންކަމުގައި ކުންފުނިތަކަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ރަށްރަށުގައި ފެނާ ނަރުދަމާގެ ނިޒަމް އަތީ ވަރަށް ދެރަވަރުކޮށް ކަމަށާ އެކަންކަން ހައްލުކުރުމަށް ފެނަކައިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ފެނަކައިން އެހެން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ފެނަކައިން ދޭ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
ފެނަކައިން ގިނަ ކުންފުނިތަކަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައި އެވެ. އެގޮތުން ފެނަކައިގެ ދަރަނި 2.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި އެސްޓީއޯއަށް އެކަނި ވެސް އެއް ބިލިއަން ރުފިޔާ ފެނަކަ އިން ދައްކަން ޖެހޭ ކަމަށްވެ އެވެ.
ދާދި ފަހުން ލ. ގަމު ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެގެން ކަރަންޓު ކަނޑާލާފައިވެ އެވެ. އަދި އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ހުރުމުން މީގެ ކުރިން އެސްޓިއޯއިން ފެނަކައަށް ޑިސެލް ވިއްކުން ހުއްޓާލާފައިވެ އެވެ. ނަމަވެސް ސަރުކާރުން ކުރި މަސައްކަތުން އަނެއްކާ އެސްޓީއޯއިން ފެނަކައަށް ޑީސެލް ވިއްކަން ފެށީ އެވެ.
ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅަފައިވެ އެވެ. އެހެން ނަމަވެސް އެމައްސަލަ ވަނީ ބޭރުކޮށްލާފައި އެވެ.
މިމައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފެނަކަ އިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރާފައިވާ ކަމަށެވެ. އަދި އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުވައްޒަފުންނަށް މުސާރަ ނުދެވި އަދި ކުލި ދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ، ބައެއް ވިޔަފާރިތައް ހުއްޓި، ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.