އުމްރާ އަށް މީހުން ގެންދިޔަ ގުރޫޕެއްގެ ފްލައިޓް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައިދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ދެ ޗެކް ބައުންސްވި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު މިދިޔަ މަހާއި މި މަހު ޗާޓަރު ފްލައިޓެއްގައި ޖިއްދާ އަށް ގެންދިޔަ އެވެ. ފްލައިޓު ޗާޓަރު ކޮށް މީހުން ގެންދިއުމަށް 141،450 ޑޮލަރު އަރާފައިވާއިރު، ފްލައިޓް ޗާޓަރު ކޮށްދިން ކުންފުންޏަށް ދޫކުރި ދެ ޗެކް ވަނީ ބައުންސް ވެފައި އެވެ.

ފްލައިޓް ޗާޓާ ކޮށް މީހުން އުމްރާއަށް ގެންދިޔަ ކުންފުންޏަށް މަޝްރައު ގުރޫޕުގައި އެދިގެން ވެސް އަދިވެސް އެފައިސާ ލިބިފައެއް ނުވެ އެވެ. އެހެންވެ އެމައްސަލަ ވަނީ އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާފައި އެވެ. އަދި އެމައްސަލަ މިހާރު އަންނަނީ އިސްލާމިކް މިނިސްޓްރީން ބަލަމުންނެވެ.

އަދި އެމައްސަލަ ހައްލު ކުރުމަށް ފްލައިޓް ޗާޓަރު ކުރި ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ އަންނަނީ ވާހަކަދައްކަމުންނެވެ.

އަލް މަޝްއަރު ގުރޫޕުން މިރޯދަ މަހު މީހުން އުމްރާ އަށް ގެންދާ ޕެކޭޖުގެ އަގަކީ 36،500 ރުފިޔާއެވެ.