އިސްލާމް އާބާދު (2 ޖެނުއަރީ) 2008 ނޮވެމްބަރު 26 ވަނަ ދުވަހު އިންޑިއާގެ މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ މީހެއް ކަމަށް އެމެރިކާ އަދި އިންޑިއާއިން ބުނާ ލަޝްކަރޭ ތައިބާ ޖަމާއަތުގެ އިސްލީޑަރު ޒަކީ އުއްރަހްމާން ލަކްވީ ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

ހޮނިހިރު ދުވަހު ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓްގެ (ސީޓީޑީ) ސްޕޯކްސް ޕާސަން ވިދާޅުވި ގޮތުގައި ޒަކީ އުއްރަހްމާން ހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމް އަށް ފައިނޭންސް ކުރުމުގެ ތުހުމަތުގައި ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސުންނެވެ.

ސްޕޯކްސް ޕާސަން އިތުރަށް ވިދާޅުވި ގޮތުގައި އެ މީހާ ހިންގަމުން ދިޔަ ބޭސްވިއްކާ ފިހާރައެއް މެދުވެރިކޮށް ދިޔައީ ހަނގުރާމަވެރި ޖަމާއަތުގެ އެކިކަން ކަމަށް ފައިސާ ފޯރުކޮށްދެމުންނެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ބުނިގޮތުގައި ޒަކީ އުއްރަހްމާނަކީ ލަޝްކަރޭ ތައިބާގެ އޮޕަރޭޝަންސްގެ އެންމެ އިސް މީހާ ކަމަށާއި އަދި ވަރަށް ގިނަ ގައުމުތަކުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި، އެ ޖަމާއަތްތަކުގެ ކަންކަމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެ އެވެ.

އިންޑިއާއަށް ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކުރި ހަމައެކަނި މީހާ ކަމަށްވާ އަޖްމަލް އަމީރު ވަނީ ތަހްގީގްގައި ޒަކީ އުއްރަހްމާން އާއި ދިމާވި ކަމަށް ބުނެފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ. މި ހަމަލާއާ ގުޅިގެން އިންޑިޔާއިން ވަނީ ޒަކީ އުއްރަހްމާން ތަހުގީގަށް ހާޒިރުކުރުމަށް ޕާކިސްތާނުގެ ކިބައިން އެދިފަ އެވެ.

ނަމަވެސް ޕާކިސްތާނުން ވަނީ ޒަކީ އުއްރަހްމާން ހައްޔަރުކޮށް ތަހުގީގު ހިންގަންޖެހޭ ވަރުގެ ހެކި އިންޑިޔާއިން ހުށަހަޅާފައި ނުވާ ކަމަށް ބުނެފަ އެވެ. ޕާކިސްތާނުން ވަނީ ލަކްވީ 2008 ވަނަ އަހަރު ވެސް ހައްޔަރުކޮށްފަ އެވެ. އެ ފަހަރު ކަފާލާތުގެ ދަށުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ޓެރަރިސްޓް ހަމަލާގެ އެންމެ އިސްރޯލެއް އަދާކުރި މީހާ ކަމަށް އިންޑިޔާއިން ބުނާ ލަސްކަރީ ތައިބާގެ ލީޑަރު ހާފިޒް ސައީދު އަށް ވެސް ޕާކިސްތާނުގެ ކޯޓުން ވަނީ ޓެރަރިޒަމް އަށް ފައިނޭންސް ކުރުމުގެ ކުށުގައި ހުކުމް ކޮށްފަ އެވެ. -އަލް އަރަބިޔާ