ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00 ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:30 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު މިއަދު ހަވީރު 5:00 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އިލެކްޝަންސްކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައްދައްކާގޮތުން މިއަދު މެމްނަދުރު 2 ޖެހުމާއި ހަމައަށް ވޯޓު ލާފައިވާ ފިރިހެނުންގެ އަދަދަކީ 910 މީހުންނެވެ. އަދި އަންހެނުންގެ އަދަދަކީ 856 އެވެ.