ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުުރުކުރަން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެއްވި ޓުވީޓުގައިވަނީ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕާޓީތަކާ މަޝްވަރާ ކުރުމެއްނެތި ވޯޓްލުމުގެ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ނުފޫޒު ފޯރުވައިގެންކަމަށެވެ. އަދި މިއީ މިއީ އެމްޑީޕީގެ ހިސާބު ދިމާނުވެގެން ކުރިކަމެއް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާިއރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުވުމުގެ ވަގުތު އިިތުރުކޮށްފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކަމަށެވެ.

ތިން ޕާޓީން ވާދަކުރާ އިންތިޚާބެއްގައި ހަމަ އެކަނި އެމްޑީޕީން ބޭނުންވި ގޮތަށް ވަގުތު އިތުރު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.